މިއަހަރުގެ ފިތުރު އީދު ދުވަހަކީ މާރިޗު 30 ވާ އާދީއްތަ ދުވަސް ކަމަށް ވަރަށް ބޮޑަށް ޔަގީންކުރެވޭ ކަމަށް ކުރީގެ ރައީސް އަދި ފަލަކީ އިލްމުވެރިޔާ މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން ވިދާޅުވީ ސައުދީ އަރަބިއްޔާ، މިސްރު، ތުރުކީ އަދި މޮރޮކޯ ފަދަ އިސްލާމީ ޤައުމުތަކަށް މާރިޗު 29 ވަނަ ދުވަހު އިރުއޮއްސުމަށްފަހު ހަނދު ނުއޮއްސި 8 މިނެޓާއި 20 މިނެޓާ ދެމެދުގެ ވަޤުތަކަށް ހުންނާނެކަމަށް ފަލަކީ ހިސާބުތަކުން ދައްކާކަމަށެވެ. އަދި މިއީ ރަމަޟާން މަހުގެ 29 ވަނަ ދުވަހުކަމަށް ވިދާޅުވިއެވެ.
އެގޮތުން، ރާއްޖެއަށް އިރު އޮއްސޭނީ 18:14 ގައި ކަމަށާއި، ހަނދުވެސް އޮއްސޭނީ ހަމަ އެވަގުތު ކަމަށް މައުމޫން ވިދާޅުވިއެވެ. އެހެންކަމުން، މާރިޗު 30 އަކީ ރާއްޖެއަށްވެސް ޝައްވާލު މަހުގެ ފުރަތަމަ ދުވަސް ކަމުގައި ވާނެކަމަށް ފެންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނަމަވެސް، ކަލަންޑަރުގައި ވާގޮތުން މިއަހަރުގެ ފިތުރު އީދު ދުވަހަކީ މާރިޗު 31 އެވެ.