އިންޑިއާގެ އަމާޒަކީ މިއަދު ރާއްޖެ ބަލިކުރުން: ރާހުލް ބޭކޭ

އާނާ ފަހީމް | 15 ދުވަސް ކުރިން - 12:46
ރާހުލް ބޭކޭ/ ފޮޓޯ: ސްޕޯޓްސްކީޑާ
ރާހުލް ބޭކޭ/ ފޮޓޯ: ސްޕޯޓްސްކީޑާ
ޚުލާސާ

މިއަދު އިންޑިއާއިން ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗާއި މިމަހު 25ގަ ބަންގްލަދޭޝައި ދެކޮޅަށް ކުޅޭ މެޗުން މޮޅުނުވެއްޖެނަމަ ލަދުގަންނަން ޖެހޭނެ ކަމަށް ފުޓްބޯޅަކުޅުންތެރިޔާ ރާހުލް ބުނެފި.

ދިވެހިރާއްޖެ އާއި ބަންގްލަދޭޝް އަތުން މޮޅުވާން ޖެހޭ ކަމަށާއި، މި ދެ މެޗުގައި އެކަން ނުކުރެވިއްޖެނަމަ ލަދުގަންނަން ޖެހޭނެ ކަމަށް އިންޑިއާގެ ތަޖުރިބާކާރު ކުޅުންތެރިޔާ ރާހުލް ބޭކޭ ބުނެފިއެވެ.

މިއަދު އިރުއޮއްސޭއިރު އިންޑިއާއިން ރާއްޖެއާއި ދެކޮޅަށް ނުކުންނާނީ ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައެވެ. އަދި މި މަހުގެ 25 ވަނަ ދުވަހު ބަންގްލަދޭޝްއާ ވާދަކުރާނީ އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގައެވެ.

މި ދެ މެޗު ކުޅެން މި ވަގުތު އިންޑިއާގެ އިރު އުތުރުގައިވާ ޝިލޮންގް ސިޓީއަށް ގޮސް ހުރި ރާހުލް ބުނެފައިވަނީ ރާއްޖެ އާއި ބަންގްލަދޭޝް އަކީވެސް ވަރަށް އެއްގޮތް ދެ ޓީމު ކަމަށެވެ.

"މިއީ ވަރަށް އެއްގޮތަކަށް ކުޅޭ ދެ ޓީމު. މި ދެ ގައުމަކީ ވެސް އޭޝިއަން ކަޕަށް ކޮލިފައިވާން މަސައްކަތްކުރާ ވަރަށް ވަރުގަދަ ދެ ޓީމު. އަހަރުމެން މި ދެ މެޗުގައި އެންމެ މޮޅު ކުޅުން ދައްކަންޖެހޭނެ." ރާހުލް ބުންޏެވެ.

އޭނާ އިތުރަށް ބުނެފައިވަނީ އަމިއްލަ ގައުމުގައި މި ދެ މެޗު ކުޅުމަކީ ވެސް މެޗު ކާމިޔާބު ކުރަންޖެހޭ ސަބަބެއް ކަމަށެވެ. އަދި ކޮލިފައިން މެޗުގެ ކުރިން ރާއްޖެ މެޗު ކުޅެން ޖެހުމަކީ ވަރަށް ބޮޑު ނަސީބެއް ކަމަށް ވެސް ބުނެފައިވެއެވެ.

"ސަބަބަކީ ރާއްޖެ އަކީ ބަންގްލަދޭޝްގެ ކުޅުމާ ވަރަށް އެއްގޮތްކޮށް ކުޅޭ ޓީމެއް. އެހެންވީމާ މި މެޗު ލިބުން އެއީ އަހަރުމެންނަށް ލިބުނު ވަރަށް ބޮޑު ނަސީބެއް." ރާހުލް ބުންޏެވެ.

ރާހުލް އިތުރަށް ބުނެފައިވަނީ އިންޑިއާ ޓީމު ފެނިގެންދާނީ ވަކި މީހަކަށް ބަރޯސާނުވެ، ޓީމެއްގެ ގޮތުގައި ކަމަށެވެ. އަދި އިންޑިއާގެ ކުރީގެ ކެޕްޓަން ސުނިލް ޗެތުރީ ރިޓަޔާމަންޓް އުވާލައި، އަލުން ގައުމީ ޓީމަށް ކުޅެން ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށް ވެސް ރާހުލް ވަނީ ބުނެފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%