ރައީސްގެ ވަޢުދު ފުއްދުމަށް 75 ރަށުގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ޤާއިމުކުރަނީ

އުސްތާޛް މުޙައްމަދު ޢަލީ | 4 ގަޑިއިރު ކުރިން - 02:32
75 ރަށެއްގައި ވަޞީލަތްތައް ޤާއިމް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.
75 ރަށެއްގައި ވަޞީލަތްތައް ޤާއިމް ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.
ޚުލާސާ

ޖުމްލަ 109 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ޤާއިމުކުރުމަށް ޙަވާލުކޮށްފައި ވާއިރު މިއަހަރުގެ ނިޔަލަށް ހުރިހާ ރަށެއްގައި ކުނި މެނޭޖްކުރާ ވަސީލަތްތައް ޤާއިމުކުރުމަކީ ސަރުކާރުގެ އަމާޒެއް.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެއް ފުއްދުމުގެ ގޮތުން، ސަރުކާރުން މިއަދު 75 ރަށެއްގައި ކުންޏާއި ވަޞީލަތްތައް މެނޭޖްކުރާ މަރުކަޒުތައް ޤާއިމުކުރުމާއި އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީ، އާރު.ޑީ.ސީ އަދި ފެނަކަ ކޯޕަރޭޝަނާއި ޙަވާލުކޮށްފިއެވެ..

މިއީ ރައީސް މުޢިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ގޮތަށް، މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގށެއްގައިވެސް އެކަށޭނަ ކުނި މެނޭޖްކުރާނޭ ނިޒާމެއް ޤާއިމުކުރުމުގެ ވަޢުދު ފުއްދުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ކުރިއަށްގެންދާ "މަގޭ ސާފުރާއްޖެ ޕްރޮގްރާމް" ގެ ދަށުން ކުރެވޭ މި މަސައްކަތާއެކު، މިހާރު ޖުމްލަ 109 ރަށެއްގައި ވޭސްޓް މެނޭޖްމަންޓް އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމުގެ ނުވަތަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ސަރުކާރު ހިއްސާވާ ހަތަރު ކުންފުންޏަކާއި ޙަވާލުކުރެވިފައިވެއެވެ.

މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި 109 ރަށުގެ އިތުރުން ބައެއް ރަށްރަށުގައި މިފަދަ އިންފްރާސްޓްރަކްޗަރ ކުރިން ޤާއިމުކުރެވިފައިވާ ކަމަށާއި، އަދި ބައެއް ރަށްރަށުގައި ބޭރުގެ އެހީގައި މި މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އެހެންކަމުން، މިއަހަރުގެ ފަހު ކުއާޓަރގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި މި މަސައްކަތް ނިންމާލެވޭނެ ކަމަށް މިނިސްޓްރީން އުންމީދުކުރައްވައެވެ.

މިނިސްޓްރީން ބުނީ ކުނި މެނޭޖްކުރާ މަރުކަޒުތަކަށް ބޭނުންވާ އިކްވިޕްމަންޓާއި ކުނި އުފުލާނެ އުޅަނދުތައްވެސް މިއަހަރުގެ ތެރޭގައި ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%