މިސްކިތްތައް ބިނާކޮށް އެތަންތަނުގައި ޤުރުއާން ކްލާސްތައް ވެސް ހިންގުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ހިންގާ މަޝްރޫއުތަކެއް ކަމަށާއި، މިކަންތަކުގެ ސަބަބުން ރާއްޖޭގެ އިސްލާމީ ދާއިރާއަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ވިދާޅުވެއްޖެ އެވެ.
އެ މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމަށް މާލޭ އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި ޝަހީމް ވިދާޅުވީ ރައީސް ޑރ. މުއިއްޒު ސިޔާސަތުތައް ތަންފީޒުކުރައްވަމުން ގެންދަވަނީ ރައްޔިތުންނާާއި ބައްދަލުކުރައްވައި، ރައްޔިތުން އެދިލައްވާ ގޮތަށް ކަމަށެވެ.
ޝަހީމް ވިދާޅުވީ، ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގައި އިސްލާމީ ދާއިރާގެ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދާނެ ކަމަށެވެ.
ރައީސް މި ކަންކަމަށް ދެއްވާ އަހަންމިއްޔަތު ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަށާއި މި މަސައްކަތްތައް ރައީސް ވަރަށް ގާތުން ބައްލަވާތީ ޝަހީމް ވަނީ ރައީސްއަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ޝަހީމް ވިދާޅުވީ މި މިސްކިތްތަކުގެ މަސައްކަތް ނިމޭއިރު، މިސްކިތްތަކުގައި ގުރުއާން ކުލާސް ގާއިމްކުރެވި، މިސްކިތްތައް އޭސީކޮށް ސޯލާ ޕެނަލް ހަރުކުރެވޭނެ ކަމަށެވެ. އަދި މި މިސްކިތްތަކަކީ މުޅިން އާ ޑިޒައިންތަކަކަށް އިމާރާތް ކުރެވޭ އަދި ރާއްޖޭގެ މާހައުލާ ގުޅޭ ރައްޔިތުންނަށް ހިތްހަމަޖެހިގެން ނަމާދުކުރެވޭނެ ފުރިހަމަ މިސްކިތްތަކަކަށް ވާނެ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
އިހަށްދުވަހުގެރޭ ވަނީ 14 މަޝްރޫއުއެއްގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އެއީ ދެ ރަށެއްގައި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް އިމާރާތްކުރުމަށާއި އެއް ރަށެއްގައި އިސްލާމީ މަރުކަޒެއް އިމާރާތްކުރުމަށް އަދި 11 ރަށެއްގައި މިސްކިތް އިމާރާތްކުރުމަށެވެ.