ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4000 ފްލެޓަށް ކުރިމަތިލުމަށްފަހު ފްލެޓް ލިބުމުގެ ފުރުސަތު ނުލިބުނު ފަރާތްތަކަށް ވެސް މި ސަރުކާރުގެ ދައުރުގައި ބޯހިޔާވަހިކަމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުގެ ދަށުން، 4000 ފްލެޓް ނުލިބޭ ފަރާތްތަކަށް ވެސް މި ދައުރުގައި ބޯހިޔާވަހިކަމުގެ ފުރުސަތު ލިބިގެންދާނެކަމުގެ ޔަޤީންކަން އެ ވުޒާރާއިން ދޭކަމަށެވެ.
"ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް އެ ފުރުސަތު ކަށަވަރުކޮށްދިނުމަށް ރައީސް ޑރ. މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުގެ ދަށުން، މި ފަރާތްތަކަށް ވެސް މި ދައުރުގައި ބޯހިޔާވަހިކަމުގެ ފުރުސަތު ލިބިގެންދާނެ،" ވުޒާރާއިން ބުންޏެވެ.
ގެދޮރުވެރިޔާ ސްކީމަށް ހުޅުވާލުމުން ގާތްގަނޑަކަށް 20،000 މީހުން ފޯމު ހުށަހެޅި އެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4000 ފްލެޓްގެ ލިސްޓު ނެރުނީ މިދިޔަ ފެބްރުއަރީ 27 ވަނަ ދުވަހުއެވެ. ޖުމްލަ 4،939 ފޯމު ޗެކްކުރުމަށްފަހު ފްލެޓް ލިބޭނެކަމަށް ކަނޑައަޅާފައިވަނީ 1،820 ފަރާތަކަށެވެ. މީގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރީގެ 1،423 ފްލެޓާއި ދެ ކޮޓަރީގެ 397 ފްލެޓެވެ.
ވުޒާރާގެ އިތުރަށް ބުނީ، މި ފްލެޓްތައް ނުލިބޭ ފަރާތްތަކުން އަލުން ބޯހިޔާވަހިކަމަށް ހުށަހެޅުމުގެ ތަކުލީފު ތަޙައްމަލުކުރަން ނުޖެހޭނެ ކަމަށެވެ.