ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓު މި ސަރުކާރުން ރިވިއުކޮށްފައި ވަނީ ކުރީގެ ސަރުކާރުގެ ފްލެޓް ކޮމިޓީން ކަނޑައަޅާފައި އޮތް އުސޫލާއި އެއްގޮތަށް ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ހޯމް މިނިސްޓްރީން އެގޮތަށް ބުނީ އެ ލިސްޓް ރިވިއު ކުރުމަށް އޭސީސީން ދިން ލަފަޔާއި އެެއްގޮތަށް މި ސަރުކާރުން ލިސްޓް ރިވިއު ކުރުމަށް ފަހު ނެރުނު ލިސްޓާއި ގުޅޭ ގޮތުން އިދިކޮޅު އެމްޑީޕީން ހަގީގަތާއި
ހިލާފު ވާހަކަތައް ފަތުރަމުންދާތީ، އެ ކަންކަން ދޮގުކޮށް ނެރުނު ބަޔާނެއްގަ އެވެ.
މިނިސްޓްރީގެ ބަޔާނުގައި ބުނީ ރިވިއު ކުރުމަށް ފަހު ނެރުނު ލިސްޓުގައި ހިމެނެނީ ކުރީގެ ލިސްޓުގައި ތިން ކޮޓަރި ފްލެޓަށް އެދުނު މީހުންގެ ތެރެއިން ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކާއި 75 ޕޮއިންޓް ލިބި ގުރުއަތަށް ދާނެ ކަމަށް އިއުލާންކުރި ފަރާތްތަކުގެ އިތުރުން ދެ ކޮޓަރީގެ ފްލެޓަށް އެދުނު މީހުންގެ ތެރެއިން ފްލެޓް ލިބޭނެ ކަމަށް އިއުލާންކޮށްފައިވާ މީހުން އެކަނި ކަމަށެވެ.
އެ ނޫން އެހެން އެއްވެސް މީހެއްގެ ފޯމެއް މި މަރުހަލާގައި ބަލައި ޗެކުކޮށްފައި ނުވާނެ ކަމަށާއި ފްލެޓް ދިނުމުގެ އާ އުސޫލެއް ވެސް ހަދާފައި ނުވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ފްލެޓް ލިސްޓް ރިވިއު ކުރުމުގައި އަމަލުކޮށްފައި ވަނީ ކުރީގެ ސަރުކާރުން އެކަމަށް އެކުލަވާލި ގެދޮރުވެރިން ކޮމިޓީގެ އުސޫލާއި އެއްގޮތަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެ އުސޫލުގެ ދަށުން ފްލެޓް ލިސްޓު ރިވިއުކުރުމުގައި ހުރިހާ މީހުނަށް ވެސް ހަމަހަމަވާނެހެން ވީހާވެސް ބޮޑަށް ލުއިކުރެވޭތޯ ބަލާފައިވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ފްލެޓް ލިބިފައިވާ އެއްވެސް މީހަކަށް ކަނޑައަޅާފައިވާ ފްލެޓް މިހާތަނަށް އެހެން މީހަކަށް ހަމަޖައްސާފައި ނުވާނެ ކަމަށާއި ޝަކުވާތަކަށް ބަލައި ގޮތެއް ނިންމުމަށް ފަހު ނޫނީ އެގޮތަށް ކަނޑަނޭޅޭނެ ކަމަށެވެ.
މީގެ އިތުރުން މާލޭ ރަށްވެހިން ފްލެޓް ލިސްޓުން އާދަޔާ ހިލާފަށް ޑިސްކޮލިފައި ކޮށްފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ނަމަވެސް، މާލޭގައި ރަށްވެހިވެފައިވާ މީހެއް ރަށްވެހިވެފައި ވާތާ 15 އަހަރު ވެފައިވާ ނަމަ ޑިސްކޮލިފައި ނުވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ