ހުޅުމާލެއިން ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މަރްޔަމް ޒީނާގެ ބަންދު އިތުރު 15 ދުވަހަށް އިތުރުކޮށްފިއެވެ.
މިއާއެކު އޭނާގެ ބަންދުގެ މުއްދަތު މިވަނީ ދެވަނަ ފަހަރަށް އިތުރުކޮށްފައެވެ.
ޒީނާ ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ޔުނިޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ. ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފޭސް 1 ގައި ހުރި ގެއެއް ބަލައި ފާސްކުރިއިރު 14 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ފެނުނު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައިގައި ޒީނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ފުރަތަމަ ފަހަރު ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަށް ވަނީ ބަންދުކޮށްފައެވެ. އޭގެ ފަހުން އަނެއްކާވެސް އޭނާގެ ބަންދަށް 15 ދުވަސް މިވަނީ އިތުރުކޮށްފައެވެ.