ދަނޑުވެރިކަމުގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުވުމަށް ގިނަ ކަންތައްތަކެއް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން މިއަދު އިޢުލާންކޮށްފިއެވެ.
މިކަންތައްތައް އިޢުލާންކޮށްފައިވަނީ މިއަދު ފާހަގަކުރާ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ދެއްވި ޚާއްސަ މެސެޖުގައެވެ.
ވަޒީރު މާރިޔާ ވިދާޅުވީ ދަނޑުވެރިކަމުގެ ދާއިރާގައި އަންހެނުން ބާރުވެރިކޮށް، ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން ގިނަ ކަންތައްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި:
- ދެމެހެއްޓެނިވި ދަނޑުވެރިކަމެއް ކުރެވޭނެ ގޮތަށް ޒަމާނީ ޓެކްނޮލޮޖީގެ ވަޞީލަތްތައް ބޭނުންކޮށްގެން އަންހެނުން އިސްވެ ފަށާ ވިޔަފާރިތަކަށް އެހީވުމަށް ޚާއްސަ ފަންޑެއް ޤާއިމުކުރުން.
- މޫސުމީ ބަދަލުތަކަށް ވިލުންތެރި ދަނޑުވެރިކަމެއް ކުރުމާއި ދަނޑުވެރިކަމުގެ ވިޔަފާރިއާ ގުޅޭގޮތުން އަންހެނުން ތަމްރީނު ކުރުން.
- ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ބިމާއި އެކިއެކި ވަޞީލަތްތައް އަންހެނުންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުން.
- ދަނޑުވެރިކަމުގެ ދާއިރާގައި އަންހެނުންނަށް ހަމަހަމަ ފުރުޞަތުތަކާއި އަންހެނުން ބަލައިގަތުން ކަށަވަރުކުރުމަށް މަސައްކަތްކުރުން.
"މުޅި ޤައުމަށް ކާނާގެ ރައްކާތެރިކަމާއި ތިމާވެށީގެ ދެމެހެއްޓެނިވިކަމާއި އިޤުތިޞާދީ ކެރުންތެރިކަން ހޯދައިދިނުމުގައި އަންހެނުން މުހިންމު ދައުރެއް އަދާކުރޭ. އަންހެނުންނަށް ހަމަހަމަކަމާއެކު މަސައްކަތްކުރާ ދަނޑުވެރިކަމުގެ ދާއިރާއެއް އުފެއްދުމަށް އެންމެން އެކުގައި މަސައްކަތްކުރުމަށް އަޅުގަނޑު ގޮވާލަން." ވަޒީރު ވިދާޅުވިއެވެ.
ވަޒީރުގެ މެސެޖުގައި އަންހެނުންގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ، ދަނޑުވެރިކަމާއި މަސްވެރިކަމާއި ވިޔަފާރީގެ ދާއިރާގައި އަންހެނުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރެއްވިއެވެ.