ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ވިޔަފާރީގެ ފުރުޞަތުތައް އިތުރުކުރުމަށް މަޝްވަރާ ކޮށްފިއެވެ. މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ އާއި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމް.އައި.ޑީ.އެފް.ޒެޑް) އަދި އެގްރޯނެޓްގެ ބޭފުޅުންނާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.
ދަނޑުވެރިކަމާބެހޭ ވުޒާރާއިން ބުނީ، މި ބައްދަލުވުމުގައި ދަނޑުވެރިން އުފައްދާ ތަކެތި އަގުހެޔޮކޮށް ބާޒާރަށް ގެނެވޭނެ މަގުފަހިކުރުމާއި މާރކެޓު ހޯދައިދިނުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައި ވެއެވެ. އަދި އެކި އިދާރާތައް ގުޅިގެން ކުރެވޭ މަސައްކަތުން، ދަނޑުވެރިންނަށް މި ދާއިރާގައި ހުރި ފުރުސަތުތައް ފަހިކޮށްދީ، ލިބޭ އާމްދަނީ އިތުރުވެ އޭގެ ސަބަބުން ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް އެ ވުޒާރާއިން ބުންޏެވެ.
ދަނޑުވެރިކަމުގެ ދާއިރާގައި ޒުވާނުންގެ ހިއްސާ އިތުރުކުރުމަށް އަދި އެ ދާއިރާއިން ޒުވާނުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، ޒުވާނުން ބާރުވެރިކުރުމަށް ގިނަ މަޝްރޫޢުތަކެއް ކުރިޔަށް ގެންދިއުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. ނަމަވެސް، މި ދާއިރާ ކުރިއެރުވުމަށް ވަރަށް ގިނަ ގޮންޖެހުންތައް ހުރިކަމަށް ވަޒީރު ޑރ. މާރިޔާ ވަނީ މީގެކުރިން ފާހަގަކުރައްވާފައެވެ.
އެގޮތުން، ދަނޑުވެރިކަމުގެ ސިނާޢަތް ފުޅާކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށް އެހީވުމަށް ޤައުމީ ޔުނިވަރސިޓީއާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. ދަނޑުވެރިކަމާ ގުޅޭ އެޑްވާންސް ލެވެލްގެ ކޯސްތައް މިހާރުވެސް ފަށާފައިވާއިރު، ޑިޕްލޮމާއާއި ޑިގްރީ ފެންވަރުގެ ކޯސްތައް ފެށުމަކީ އަމާޒެކެވެ. އަދި އެކަމަށް ޚާއްސަ ފެކަލްޓީއެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.