މާލޭގެ އެކި ސަރަޙައްދުތަކުގައި ކޮތަރުތައް މަރުވަމުންދަނީ އިންފެކްޝަން ކޮރައިޒާ ބަލި ޖެހިގެން ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މި ބަލި ދެނެގަނެވިފައިވަނީ މާލޭގެ އެކި ސަރަޙައްދުތަކުގައި ގިނަ ޢަދަދެއްގެ ކޮތަރުތައް މަރުވަމުންދާކަން ފާހަގަވުމާއެކު އެކަމުގެ ޙަޤީޤަތް ދެނެގަތުމަށް ވުޒާރާއިން ސާމްޕަލް ނަގައި ތަޙުލީލުކުރުމުން ކަމަށެވެ.
ވުޒާރާއިން ބުނީ އިންފެކްޝަން ކޮރައިޒާ ބައްޔަކީ އާންމުކޮށް ދޫނި ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއް ކަމަށެވެ. އެ ޑައިގްނޯސިސް ބިނާވެފައިވަނީ ބަލި ފެތުރިފައިވާ ގޮތާއި، ބަލީގެ އަލާމާތްތަކާއި، ނެކްރޯޕްސީ ހޯދުންތަކާއި ލެބޯޓްރީ ޓެސްޓުތަކުގެ މައްޗަށް ކަމަށް ވުޒާރާއިން ބުންޏެވެ. މިއީ އެވިބެކްޓީރިއަމް ޕެރަގެލިނޭރަމް ނަމަކަށް ކިޔާ ދޫނީގެ ނޭވާލާ ނިޒާމަށް ޙަމަލާދޭ ބެކްޓީރިއާއެއްގެ ސަބަބުން ޖެހޭ ބައްޔެއް ކަމަށް ވުޒާރާއިން ބުންޏެވެ.
މީގެ އިތުރުން، އެ ކޮތަރުތަކަށް ކޮކްސިޑިއޯސިސް، ކެންޑިޑިއޭސިސް، އަދި އެހެނިހެން ބެކްޓީރިއަލް އިންފެކްޝަން ވެސް ޖެހިފައިވާކަން ތަޙުލީލުތަކުން ފާހަގަކުރެވިފައިވާ ކަމަށް ވުޒާރާއިން ބުންޏެވެ. އޭގެ ސަބަބުން ބަލި ބޮޑުވެ، ދޫނި މަރުވާކަމަށް ވުޒާރާއިން ބުންޏެވެ. އަދި އެ ބަލި ޖެހުމުން ނޭފަތުން ފެން އައިސް، ދޫނި ކެއްސާ، ނޭވާލުމަށް އުނދަގޫވެ، ބޮލާއި މޫނު ދުޅަވެ، ކެއިން ބުއިމަށް އުނދަގޫވާކަމަށް ވުޒާރާއިން ބުންޏެވެ.
ވުޒާރާއިން ބުނީ އެ ބައްޔަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭގެ ޒާތުގައި އަމިއްލައަށް ކޮންޓްރޯލްވާނެ ބައްޔެއް ކަމަށެވެ. އަދި އެ ބަލީގެ ސަބަބުން އިންސާނުންނަށް އެއްވެސް ނުރައްކަލެއް ކުރިމަތި ނުވާނެ ކަމަށް ވުޒާރާއިން ބުންޏެވެ. ނަމަވެސް ރައްކާތެރިގޮތަކީ މަރުވެފައިވާ ކޮތަރުތައް ނުވަތަ ބަލި ޖެހިފައިވާ ކޮތަރުތަކާ ކުޑަކުދިން ކައިރި ނުކުރުމަށާއި ބޮޑެތި މީހުންވެސް އޭގައި އަތްލައި ހިފައި އުޅޭ އިރު ރައްކާތެރިކަމުގެ ވަޞީލަތެއް ބޭނުން ކުރުން ކަމަށް ވުޒާރާއިން ބުންޏެވެ.