ލިވަޕޫލުން ފަހު ވަގުތު ޕީއެސްޖީ ބަލިކޮށްފި

އުސްތާޛް މުޙައްމަދު ޢަލީ | 27 ދުވަސް ކުރިން - 07:08
ލިވަޕޫލަށް ލަނޑި ޖަހައިދިން އެލިއަޓް / ފޮޓޯ: ގެޓީ އިމޭޖް
ލިވަޕޫލަށް ލަނޑި ޖަހައިދިން އެލިއަޓް / ފޮޓޯ: ގެޓީ އިމޭޖް
ޚުލާސާ

ބަދަލަކަށް ކުޅެން އެރި ޑާވިން ނޫނޭޒް ދިން ބޯޅައަކުން 87 ވަނަ މިނެޓުގައި މެޗުގެ ހަމައެކަނި ލަނޑު ޖެހީ ބަދަލަކަށް ކުޅެން އެރި ހާވީ އެލިއަޓް.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ 16 ވަނަ ބުރުގެ ފުރަތަމަ ލެގުގައި ލިވަޕޫލުން ރޭ ޕެރިހުގައި ކުޅުނު މެޗުން 1-0 އިން ޕީއެސްޖީ ބަލިކޮށްފިއެވެ.

ޕެރިހުގައި ކުޅުނު މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން، މެޗު ޑޮމިނޭޓްކޮށް، ޕީއެސްޖީން ރަނގަޅު ހަމަލާތަކެއް ފޮނުވާލިއެވެ. އެކަމަކު، އެ ބޯޅަތައް ހުއްޓުވުމުގައި ލިވަޕޫލްގެ ކީޕަރު، އެލިސަން ބެކާ ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. މެޗުގައި ޕީއެސްޖީން ފޮނުވާލި ރަނގަޅު ނުވަ ޝޮޓެއް އެލިސަން މަތަކުރިއެވެ.

މި މެޗުގައި، ޕީއެސްޖީގެ ކްވިޗާ ކްރަވަޝްކޭލިއާ ޖެހި ގޯލެއް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އޮފްސައިޑް ކަމަށް ނިންމިއެވެ. އަދި ލިވަޕޫލްގެ ޑިފެންޑަރު، އިބްރާހިމާ ކޮނާޓޭ، ޕީއެސްޖީގެ ބްރެޑީ ބާކޮލާ އަށް ފައުލުކުރި ކަމަށް ބެލެވުނު ނަމަވެސް، ވީއޭއާރް އިން ނިންމީ ފައުލެއް ނޫން ކަމަށެވެ.

ލިވަޕޫލް މެޗުން މޮޅުވީ، ބަދަލަކަށް ކުޅެން އަރައި، ލިބުނު ފުރަތަމަ ބޯޅައިން މެޗުގެ 87 ވަނަ މިނެޓުގައި ހާވީ އެލިއަޓް ޖެހި ގޯލުންނެވެ. ބަދަލަކަށް ކުޅެން އެރި ޑާވިން ނޫނޭޒް ދިން ބޯޅަ އެލިއަޓް ވަނީ ޕީއެސްޖީގެ ކީޕަރު، ޖިއަންލުއީޖީ ޑޮނަރުންމާ އަތުގައި ޖައްސާފައި ގޯލަށް ވައްދާލައިފައެވެ.

މިއީ، ޕީއެސްޖީ ދަނޑުގައި އެ ޓީމާއި ދެކޮޅަށް ކުޅުނު ތިން މެޗުން ލިވަޕޫލް މޮޅުވި ފުރަތަމަ ފަހަރެވެ. މި ދެ ޓީމު އަންނަ ހަފްތާގައި ދެ ވަނަ ލެގުގައި ލިވަޕޫލް ދަނޑުގައި ބައްދަލުކުރާނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%