ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މަސައްކަތެއް އެ ދުވަހެއްގެ ޖަލްސާގައި އިއުލާންކުރަން ރިޔާސަތުން ނިންމައިފި

އައިޝަތު ރުވާ ރިފްޢަތު | 7 ދުވަސް ކުރިން - 12:06
މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ/ ފޮޓޯ: މަޖިލީސް
މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ/ ފޮޓޯ: މަޖިލީސް
ޚުލާސާ

މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާގޮތް ރައްޔިތުންނަށް ހާމަވެފައި އޮތުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެކަން ހާމަކުރުމަކީ މަޖިލީހުގެ ރިޔާސަތުގެ ޒިންމާއެއްކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި.

ރައްޔިތުންގެ މަޖިލީހުގައި ކޮންމެ ދުވަހަކު ކުރާ ހުރިހާ މަސައްކަތެއްގެ ތަފްސީލް، އެ ދުވަހެއްގެ ޖަލްސާގައި އިއުލާން ކުރުމަށް މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ނިންމަވައިފިއެވެ.

މަޖިލީހުގެ މެންބަރުން ޖަލްސާތަކަށް ހާޒިރުނުވެ މުސާރަ ނަންގަވާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން އިއްޔެގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، މަޖިލީހުގެ ރައީސް މިގޮތަށް ނިންމެވި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަޖިލީހުގެ ޖަލްސާ ފެށުމުގެ ގޮތުން ކޮންމެ ދުވަހަކުވެސް ރިޔާސަތުން އެ ދުވަހެއްގެ ޖަލްސާގެ އެޖެންޑާ އިއުލާންކުރައްވާއިރު، އެ ދުވަހަކު މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު މިހާތަނަށް ހާމަކުރައްވަމުން ނުދެއެވެ. ނަމަވެސް މީގެ ފަހުން އެ ދުވަހަކު މަޖިލީހުގެ މަސައްކަތްތައް ތަރުތީބުވެފައިވާ ގޮތް ޖަލްސާގައި ހާމަކުރައްވާނެ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މަޖިލީހުގެ ޖަލްސާތައް ވަގުތުން ދައްކާއިރު މަޖިލީހުގެ ތަޅުމުން މަދު މެންބަރުންތަކެއް ފެނުމުން، ޖަލްސާއަށް ވަޑައިނުގެން މެންބަރުން މުސާރަ ނަންގަވާކަމަށް ހީވެދާނެ ކަމަށް މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ. ނަމަވެސް ޖަލްސާ ކުރިއަށްދާ ވަގުތުވެސް ކޮމިޓީ މަސައްކަތްތަކުގައި މެންބަރުން ހަރަކާތްތެރިވެވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ބިލު ބަލައިގަތުމަށް ނިންމުމާއެކު މިދަނީ ކޮމިޓީއަށް. ކޮމިޓީ މަރުހަލާގައި ބިލާއި ގުޅޭގޮތުން ދިރާސާކުރަންޖެހޭ ވަރަކަށް ދިރާސާކޮށް، މައުލޫމާތު ހޯދަންޖެހޭ ފަރާތްތައް ހާޒިރުކޮށް، މައުލޫމާތު އެއްކޮށް، ސަރުކާރުގެ މުއައްސަސާތަކުން ހޯދަންޖެހޭ މައުލޫމާތު ހޯދައި، ވަރަށް ބުރަ މަސައްކަތްތަކެއް ކުރުމަށްފަހު ބިލު ކޮމިޓީ މަރުހަލާ ނިމިގެން މަޖިލީހުގެ ތަޅުމަށް މި އަންނަނީ،" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާގޮތް ރައްޔިތުންނަށް ހާމަވެފައި އޮތުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އެކަން ހާމަކުރުމަކީ މަޖިލީހުގެ ރިޔާސަތުގެ ޒިންމާއެއް ކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%