ޖަނަވާރުން ރައްކާތެރި ކުރުމާބެހޭ ބިލު މަޖިލީހުން ބަލައިގަނެ، ކޮމިޓީއަށް ފޮނުވައިފި

އައިޝަތު ރުވާ ރިފްޢަތު | 8 ދުވަސް ކުރިން - 13:58
މަގުމަތީގައި އުޅޭ ބުޅަލެއް އިށީނދެލައިގެން / ފޮޓޯ: ޚުލާސާ
މަގުމަތީގައި އުޅޭ ބުޅަލެއް އިށީނދެލައިގެން / ފޮޓޯ: ޚުލާސާ
ޚުލާސާ

މި ބިލު ބަލައިގަތުމަށް ވޯޓު ދިން 43 މެންބަރުންގެ އިއްތިފާޤުން ބިލު ބަލައިގަނެފިފައިވާ އިރު، ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ނުދެއްވާ.

ޖަނަވާރުންނަށް އަނިޔާކުރުން މަނާކޮށް، އެފަދަ ޢަމަލުތަކަށް 50,000 ރުފިޔާ އާއި ހަމައަށް ޖޫރިމަނާ ކުރެވޭގޮތަށް ހުށަހަޅާފައިވާ "ޖަނަވާރު ގެންގުޅުމާއި ޖަނަވާރުންގެ ރައްކާތެރިކަމުގެ ބިލު" މަޖިލީހަށް ބަލައިގަނެ، އިޖުތިމާޢީ ކޮމިޓީއަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފޮނުވައިފިއެވެ.

މި ބިލު ބަލައިގަތުމަށް ވޯޓު ދެއްވި 43 މެންބަރުންގެ އިއްތިފާޤުން ބިލު ބަލައިގަނެވުނެވެ. ބިލާއި ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ނުދެއްވައެވެ.

ސަރުކާރުގެ ފަރާތުން ހިންނަވަރު ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުއްރަޙްމާން ހުށަހެޅުއްވި މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ އިއްޔެގެ ޖަލްސާގައެވެ. އެގޮތުން މިއަދުގެ ޖަލްސާގައި ބިލަށް ވަނީ ބަހުސްކުރެވިފައެވެ.

މި ބިލުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ދެމެހެއްޓެނިވި އަދި ރައްކާތެރި ގޮތުގައި ޖަނަވާރު ގެންގުޅުމާއި، ވިއްސުމާއި، އާލާކުރުމާއި، ވިޔަފާރި ކުރުމުގެ ކަންކަން ހަރުދަނާކުރުމެވެ. މީގެ އިތުރުން، ޖަނަވާރުގެ ޞިއްޙަތާއި ގުޅޭ ކަންކަމުގައި ޢަމަލުކުރަންވީ ގޮތާއި، ޖަނަވާރުންގެ ޒަރީޢާއިން އިންސާނުންނަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމާއި ގުޅޭ އުޞޫލުތައް ކަނޑައެޅުމެވެ.

އެގޮތުން މި ބިލުގައި، ރާއްޖެއަށް ޖަނަވާރު އެތެރެކުރުމާއި، އެއްތަނުން އަނެއްތަނަށް ގެންދިއުމާއި، ރާއްޖެއިން ބޭރަށް ގެންދިއުމާ ގުޅޭ އުޞޫލުތައް ބަޔާންކޮށްފައިވެއެވެ. މި ޤާނޫނު ހިނގާނީ އެއްގަމުގައި ދިރިއުޅޭ ޖަނަވާރާއި، ދޫނިސޫފާސޫފި އަދި އެކުއޭރިއަމްގައި ގެންގުޅޭ ޖަނަވާރުގެ މައްޗަށެވެ.

މިގޮތުން ބިލުގައި ޖަނަވާރަށް އަނިޔާކުރުމާއި، ބަލި ފެތުރުމުގެ ޢަމަލުތަކަށް ކަނޑައަޅާފައިވާ އަދަބުތަކުގެ ތެރޭގައި 5,000 ރުފިޔާއިން ފެށިގެން 1,000,000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުން ހިމެނެއެވެ. އަދި ޤާނޫނާ ޚިލާފަށް ޖަނަވާރު އެތެރެކުރުމާއި ބޭރުކުރުމަށް 500,000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭނެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%