މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ނީލަން ޕޯޓަލްގެ ތެރެއިން ހިތަދޫ ޕޯޓުން ހުޅުވާލާ ނީލަންތަކުގައިވެސް މިހާރު ބައިވެރިވެވޭނެ ކަމަށް އެމްޕީއެލްއިން މިއަދު އިޢުލާނުކޮށްފިއެވެ.
އެމްޕީއެލްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ނީލަން ޕޯޓަލްގައި ކުރިން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް، އިތުރަށް ރަޖިސްޓްރީ ނުކޮށް އަދި އިތުރު ފީއެއް ނުދައްކައި ހިތަދޫ ޕޯޓުގެ ނީލަންތަކުގައި ބައިވެރިވެވޭނެ ކަމަށެވެ. އަދި އެއް ވަގުތެއްގައި ތަފާތު ނީލަންތަކުގައި ވެސް ޕޯޓަލްގެ ތެރެއިން ބައިވެރިވެވޭނެ ކަމަށް އެމްޕީއެލްއިން ފާހަގަކޮށްފައި ވެއެވެ.
މި ޕޯޓަލްގެ ތެރެއިން ޕޯޓުގައި ހުންނަ މުދާތައް ގަތުމަށް އޮންލައިންކޮށް ބައިވެރިވެ، ފައިސާ ވެސް ދެއްކޭނެ ކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ކުޅުދުއްފުށީ ޕޯޓުން ހުޅުވާލާ ނީލަންތަކުގައި ވެސް ޕޯޓަލް މެދުވެރިކޮށް ބައިވެރި ވެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ހާމަކޮށްފައި ވެއެވެ.
އެމްޕީއެލްއިން ނީލަން ޕޯޓަލް ތަޢާރަފުކުރީ 2022 ވަނަ އަހަރުއެވެ. މި ޕޯޓަލާއެކު ވީހާވެސް ގިނަ ބަޔަކަށް ލުއި ފަސޭހަ ގޮތަކަށް ނީލަންތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށް އެމްޕީއެލްއިން ފާހަގަކޮށްފައިވެއެވެ.
އެމްޕީއެލްގެ މުދާ ނީލަންކިޔުމުގެ ޢާންމު ގަވާއިދުގެ ދަށުން ކޮންޓެނަރަލައިޒްޑް އަދި ކޮންވެންޝަނަލް ކަރގޯއެއް ނީލަން ކިޔާނީ ވެރިފަރާތުން އެ މުދަލާއި ހަވާލު ނުވާތާ ނުވަތަ ކްލިއަރ ނުކުރާތާ 30 ދުވަސް ފަހުންނެވެ.