ލ. ފޮނަދޫގައި ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ދިމާވެފައިވާ ޓެކްނިކަލް މައްސަލަ މިހާރު ހައްލު ކޮށްފި ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކައިން ބުނީ، ފޮނަދޫއަށް ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ފެން ޕްލާންޓަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ވަގުތީގޮތުން ފެނުގެ ޚިދުމަތް މެދުކެނޑުނު ކަމަށެވެ. ނަމަވެސް މިހާރު އެ މައްސަލަ ހައްލުކޮށް، ފެނުގެ ޚިދުމަތް އަލުން އިއާދަ ކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ފެނަކައިން "އެކްސް" މެދުވެރިކޮށް ހިއްސާކުރި މަޢުލޫމާތުގައި، މި މައްސަލަ ހައްލުކުރުމުގައި ރައްޔިތުން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކޮށްފައި ވެއެވެ.
އާބާދީގައި 3،000 އަށްވުރެ ގިނަ މީހުން ދިރިއުޅޭ ފޮނަދޫގައި ހުރި ފެން ޕްލާންޓަށް މައްސަލަ ދިމާވެ، ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަހު ފެން އުފެއްދުން ހުއްޓިފައިވާކަން ފާހަގަ ކުރެވެއެވެ. މި މުއްދަތުގައި ރަށުގެ ރައްޔިތުންނަށް ފެނުގެ ޚިދުމަތް ލިބުމުގައި ދަތިތަކާ ކުރިމަތިލާންޖެހުނެވެ.