ކަރާ ބަރުކޮށްގެން ގދ. ފިޔޯރީން ގއ. ދެއްވަދޫ އަށް ދަތުރުކުރަމުން ދިޔަ ޑިންގީ ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިއްޖެ އެވެ.
ހުކުރު ދުވަހު މެންދުރުފަހު 14:15 ގައި ފިޔޯރީން ފުރައިގެން ދެއްވަދޫ އަށް ދަތުރުކުރަމުން ދިޔަ މި ޑިންގީ ޚަބަރު ނުވެގެން އެމްއެންޑީއެފް އަށް ރިޕޯޓު ކޮށްފައިވަނީ ހަވީރު 18:12 ހާއިރު އެވެ.
އެމްއެންޑީއެފް އިން ރިޕޯޓުކޮށްފައިވަނީ ދަތުރުކުރި އެންމެންގެ ސަލާމަތާއެކު 22:34 ހާއިރު ޑިންގީ ދެއްވަދޫގެ ބަނދަރަށް ވަދެފައިވަނީ ކަމަށެވެ.
ދަތުރުކުރި ފިޔޯރީގެ ޑިންގީ ދެއްވަދޫގެ ފަޅުގައި.
ޑިންގީ އިން ދަތުރުކުރި މީހުން މަޢުލޫމާތު ދިން ގޮތުގައި، ދެއްވަދޫ އަށް ނުދެވި ލަސްވީ، ވިއްސާރަވެ، ދެވޭ ދިމާއެއް ނޭނގި ގިނައިރު ދުއްވަން ޖެހުމުގެ ސަބަބުންނެވެ.
ޑިންގީން ދަތުރު ކުރަމުންދިޔައީ ފިޔޯރީ އަށް ނިސްބަތްވާ ދެމީހެއް ކަމަށްވާ ޝާކިރު އިބްރާހިމާއި މުހައްމަދު ދީދީ (ކުދުބެ) އެވެ. އަދި ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ސުހައިލް އެވެ.
އެ ޑިންގީ ދަތުރުކޮށްފައިވަނީ މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ގދ. އަތޮޅަށް ވައިޓް އެލާޓް ނެރެފައިވާ ދަނޑިވަޅެއްގަ އެވެ.