ގއ. ގެމަނަފުށީގައި ޤާއިމްކުރި އައު އައިސް ޕްލާންޓް ހުޅުވައިފިއެވެ.
ގެމަނަފުށީގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ގެމަނަފުށީގެ އައު އައިސް ޕްލާންޓް ހުޅުވައިދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އެވެ.
މި ރަސްމިއްޔާތުގައި އިންޑިއަން ހައި ކޮމިޝަނަރ ހޮނަރަބަލް ޖީ. ބާލަސުބްރަމަނިއަމްއާއި މިފްކޯގެ ސީއީއޯ ޑރ. ވިތާލީ ލުއިބިމޯވްއާއި ފޮރިން މިނިސްޓްރީގެ ބައެއް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ގެމަނަފުށީ ކައުންސިލްގެ މެންބަރުންނާއި ގެމަނަފުށީ މުވައްސަސާތަކުގެ އިސްވެރިންނާއި މިފްކޯގެ ސީނިއަރ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ މަސްވެރި މޫސުމުގައި މަސްވެރިންނަށް އައިސް ލިބުމުގައި ހުރި ދަތިތަކަކީ އަދިވެސް މަސްވެރިންނަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި އެކަން ޙައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިތުރު 13 އައިސް ޕުލާންޓެއް އެޅުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ސަރުކާރުގެ އަމާޒަކީ މަސްވެރިންނަށް ވީހާވެސް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުންކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ގެމަނަފުށީގައި ޤާއިމްކުރި އައު އައިސް ޕްލާންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވަޒީރު ޝިޔާމް ވާހަކަދައްކަވަނީ. / ފޮޓޯ: މިފްކޯ
މީގެ އިތުރުން ވަޒީރު ވިދާޅުވީ މިއަދު ހުޅުވުނު އައިސް ޕުލާންޓުން ދެކުނުގައި މަސްވެރިކަން ކުރާ މަސްވެރިން އައިސް ހޯދުމަށް ކުރަންޖެހޭ މަސައްކަތަށް ލުއި ލިބިގެން ދާނެކަމަށާއި އައިސް ހޯދަން އެކި ރަށްރަށަށް ދުއްވަންޖެހުން މަދުވެގެން ދިއުމާއި ތެލަށްކުރާ ހޭދަ މަދުވެގެން ދާނެކަމަށެވެ. އެއާއެކު މަސްވެރިންގެ އާމްދަނީ ރަނގަޅުވެގެން ދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ގެމަނަފުށީ އަލަށް ޤާއިމްކުރި މި ޕުލާންޓް އަޅާފައިވަނީ އިންޑިއަން އެގްޒިމް ބޭންކް ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ފެސިލިޓީގެ ދަށުންނެވެ. މިއީ ދުވާލަކު 50 ޓަނު ބްލޮކް އައިސް އުފެއްދޭ ޕްލާންޓެކެވެ. އަދި މި ޕުލާންޓުގައި 100 ޓަނުގެ އައިސް ރައްކާކުރާ ސްޓޯރޭޖެއް ހުރެއެވެ. އެހެންކަމުން މި ޕުލާންޓުގައި ކޮންމެ 24 ގަޑިއިރަކުން 150 ޓަނުގެ އައިސް މަސްވެރިންނަށް ފޯރުކޮށްދިނުމުގެ ޤާބިލުކަން ހުންނާނެ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުންޏެވެ.