ދަނޑުވެރިންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ވަޒީރު މާރުކޭޓަށް

އައިޝަތު ރުވާ ރިފްޢަތު | 13 ދުވަސް ކުރިން - 13:30
ދަނޑުވެރިންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ވަޒީރު ދަތުރުވެރިންގެ މާރުކޭޓުގައި. / ފޮޓޯ: ދަނޑުވެރިކަމާބެހޭ ވުޒާރާ
ދަނޑުވެރިންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ވަޒީރު ދަތުރުވެރިންގެ މާރުކޭޓުގައި. / ފޮޓޯ: ދަނޑުވެރިކަމާބެހޭ ވުޒާރާ
ޚުލާސާ

މި ޒިޔާރަތުގައި މާރުކޭޓުގައި ދިވެހި ދަނޑުވެރިން އުފައްދާ ތަކެތި ހުރީ ކިހާ މިންވަރަކަށްތޯ ބައްލަވައި، އެތަކެތި މާރުކޭޓަށް ގެނައުމުގެ ކަންކަން ކުރިއަށްދާގޮތް ވަޒީރު އޮޅުންފިލުއްވާފައިވޭ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ މިއަދު ދަތުރުވެރިންގެ މާރުކޭޓަށް ޒިޔާރަތްކުރައްވައި، ދިވެހި ދަނޑުވެރިން އުފައްދާ ތަކެތި ހުރި މިންވަރު ދެނެގަނެ، ދަނޑުވެރިންގެ ކަންބޮޑުވުންތައް އަޑުއައްސަވައިފިއެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ބުނީ، މި ޒިޔާރަތުގައި މާރުކޭޓުގައި ދިވެހި ދަނޑުވެރިން އުފައްދާ ތަކެތި ހުރީ ކިހާ މިންވަރަކަށްތޯ ބައްލަވައި، އެތަކެތި މާރުކޭޓަށް ގެނައުމުގެ ކަންކަން ކުރިޔަށްދާގޮތް ވަޒީރު އޮޅުންފިލުއްވާފައިވާކަމަށެވެ. އަދި މާރުކޭޓްގައި ތަކެތި ވިއްކުމަށް ތިބި ބައެއް ދަނޑުވެރިންނާއި، ދިވެހި ދަނޑުވެރިން އުފައްދާ ތަކެތި މާލެ ގެނެސް މާރުކެޓްގައި ވިއްކާ ބައެއް ފަރާތްތަކާއި ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތައް ވަޒީރު އަޑުއައްސަވާފައިވާކަމަށް ވެސް ވުޒާރާއިން ބުންޏެވެ.

ވަޒީރު މަރްޔަމް މާރިޔާ ވިދާޅުވި ގޮތުގައި، ދިވެހި ދަނޑުތަކުގައި އުފައްދުފައްދާ ތަކެތި މާކެޓްކުރުމުގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ދަނޑުވެރިންގެ މަޝްވަރާއާއި ޚިޔާލުތައް އަޑުއެއްސެވުމަކީ މި ޒިޔާރަތުގެ މުހިންމު ބޭނުމެކެވެ. އަދި ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ތަރައްޤީކޮށް ހަރުދަނާ ކުރުމާއި، ޤައުމުގައި ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ދަނޑުވެރިކަމުގެ ދާއިރާގައި ޒުވާނުންގެ ޙިއްސާ އިތުރުކުރުމަށް އެދާއިރާއިން ޒުވާނުންނަށް ބޭނުންވާ އިތުރު އެހީތެރިކަން ފޯރުކޮށްދީ، ޒުވާނުން ބާރުވެރިކުރުމަށް ގިނަ މަޝްރޫޢުތަކެއް ކުރިޔަށް ގެންދިއުމަށް ރާވަމުން އަންނަކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ގޮތުގައި، ދަނޑުވެރިކަމުގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދެއް ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރު ފެށޭނެއެވެ. މިއީ ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މުހިންމު މަޝްރޫޢެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%