މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތަމްވީލް އިސްލާމިކް ފައިނޭންސް އިނިޝިއޭޓިވް އިފްތިތާޙްކޮށްފިއެވެ.
އިސްލާމީ މާލީ ނިޒާމަށް ހޭލުންތެރިކަން އިތުރުކޮށް މި ދާއިރާއިން މީހުން ތަމްރީނުކުރުމަށް ޚާއްސަކޮށްގެން އެމްއެމްއޭ އިން ފެށި 'ތަމްވީލް އިސްލާމިކް ފައިނޭންސް އިނިޝޭޓިވް' އިފްތިތާޙްކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ.
މި އިނިޝިއޭޓިވްގެ ދަށުން ދެ މަސައްކަތެއް ކުރިއަށް ދާނެއެވެ. އެއީ އިސްލާމީ މާލީ ނިޒާމަށް ރާއްޖޭގައި ހޭލުންތެރިކަން އިތުރުކުރުމާއި މި ދާއިރާއިން މީހުން ތަމްރީނުކުރުމެވެ.
މި އިނީޝިއޭޓިވް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ވަނީ އެމްއެމްއޭއިން ކުރުމަށް ރާވާފައިވާ މަސައްކަތްތަކަށް ތައުރީފުކުރައްވައި އަދި އިސްލާމީ ވުޒާރާގެ އެހީތެރިކަން އެމްއެމްއޭއަށް ލިބިގެންދާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
އެމްއެމްއޭ ތަމްވީލް އިނިޝިއޭޓިވް އިފްތިތާޙްކޮށްދެއްވައި، ވަޒީރު ޝަހީމް ވާހަކަދައްކަވަނީ. / ފޮޓޯ: އެމްއެމްއޭ
ވަޒީރު ވިދާޅުވީ ރާއްޖޭގެ އިސްލާމީ މާލީ ނިޒާމު ކުރިއެރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެވޭނެ ބަޔަކީ މަރުކަޒީ ބޭންކު ކަމަށެވެ. އެގޮތުން މެލޭޝިއާ ފަދަ ޤައުމުތަކުގައި މި ނިޒާމަށް ކުރިއަރައިގެން ދިޔައީ އެ ތަންތަނުގެ މަރުކަޒީ ބޭންކުތަކުން އިސްނަގައި ކުރި މަސައްކަތްތަކުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެމްއެމްއޭގެ ގަވަރުނަރު މުނައްވަރު ވިދާޅުވީ އިސްލާމީ މާލީ ނިޒާމާ ބެހޭ ގޮތުން މީހުން ހޭލުންތެރިކުރުމަށާއި އެ ދާއިރާއިން މީހުން ތަމްރީނުކުރުމަށް އެމްއެމްއޭއިން އިސްނަގައިގެން މުހިންމު މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށެވެ.
އެމްއެމްއޭ ތަމްވީލް އިނިޝިއޭޓިވް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ގަވަރުނަރު މުނައްވަރު ވާހަކަދައްކަވަނީ. / ފޮޓޯ: އެމްއެމްއޭ
"އަޅުގަނޑުމެންގެ އަމާޒަކީ އިސްލާމީ މާލީ ނިޒާމުގައި މުހިންމު ހަބަކަށް ހެދުން." ގަވަރުނަރު ވިދާޅުވިއެވެ.
ތަމްވީލް އިނިޝިއޭޓިވްގައި މި ދާއިރާއިން މީހުން ތަމްރީނުކުރުމަށް ޚާއްސަކޮށް ވަނީ ކެޕޭސިޓީ ޑިވެލޮޕްމަންޓް ފަންޑެއް ވެސް އިޢުލާންކޮށްފައެވެ. އެމްއެމްއޭއިން ފަސް މިލިއަން ރުފިޔާއާއެކު ފެށި މި ފަންޑުގެ ދަށުން އިސްލާމީ މާލީ ނިޒާމާ ގުޅޭ އެކިއެކި ކޯސްތަކާއި ތަމްރީނު ޕްރޮގްރާމްތަކަށް ސްޕޮންސާ ލިބިގެންދާނެއެވެ. އަދި މެލޭޝިއާގެ އިންޓަނޭޝަނަލް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް ޔުނިވާސިޓީން ވަނީ މި ދާއިރާއިން މީހުން ބިނާކުރުމުގައި އެ ޔުނިވާސިޓީގެ އެހީތެރިކަން އެމްއެމްއޭއަށް ލިބޭނެކަން ހާމަކޮށްފައެވެ.
އިސްލާމީ މާލީ ނިޒާމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތަކުގެ ތެރެއިން މި ރޯދަމަހު ޓީވީ އިން ތަމްވީލްގެ ނަމުގައި ޕްރޮގްރާމެއް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ތަމްވީލް ކުއިޒް މުބާރާތެއް ވެސް ޓީވީއެމްގައި ގެނެސްދެވޭނެއެވެ. ކޮންމެ ދުވަހަކު ހުށަހެޅޭ އިސްލާމީ މާލީ ނިޒާމާ ގުޅޭ ސުވާލަކަށް ރަނގަޅު ޖަވާބުދޭ ފަރާތްތަކުގެ ތެރެއިން ކޮންމެ ދުވަހަކު ވެސް ގުރުއަތުން ހޮވޭ ބޭފުޅަކަށް ބީއެމްއެލް އިސްލާމިކްގެ ފަރާތުން 1000 ރުފިޔާގެ ގިފްޓްކާޑެއް އަދި އެންމެ ގިނަ ޖަވާބު ދިމާކުރައްވާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް 2 ބޭފުޅެއްގެ އުމްރާ ދަތުރެއް ވެސް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އެމްއެމްއޭ ތަމްވީލް އިސްލާމިކް ފައިނޭންސް އިނިޝިއޭޓިވްގެ ޓީވީ ޕްރޮގްރާމާއި ކުއިޒަކީ އަކީ ރާއްޖޭގެ އިސްލާމީ މާލީ އިދާރާތަކާއި ޕީއެސްއެމް ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. އެގޮތުން ބައިވެރިވާ އިދާރާތަކުގެ ތެރޭގައި ބީއެމްއެލް އިސްލާމިކް، މޯލްޑިވްސް އިސްލާމިކް ބޭންކް، އެލައިޑް އިންޝުއަރެންސް އަދި މޯލްޑިވްސް ސެންޓަރ ފޯ އިސްލާމިކް ފައިނޭންސް ކޯޕަރޭޝަން ހިމެނެއެވެ.