ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ސިޔާސީ ޕާޓީތަކަށް ގެއްލުވައިލެވޭ ގޮތަށް ޤާނޫނުއަސާސީއަށް ގެނެވުނު ބަދަލާއި ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައިގައި، އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލުވާލެވޭނެ ކަމަށް ނެރެދިނުމަށް އެދި ހުށަހެޅި ވަގުތީ އަމުރުގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް ސުޕްރީމް ކޯޓުން ތާވަލުކޮށްފިއެވެ.
މި މައްސަލައިގައި ވަގުތީ އަމުރަކަށް އެދި ހުށަހަޅާފައިވަނީ ޤާނޫނުއަސާސީ ބަދަލުކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ޤާނޫނީ ވަކީލު އަލީ ހުސައިނެވެ. އޭނާ އެދިފައިވަނީ، ކޯޓުން މައްސަލަ ބަލައި ނިމެންދެން މެންބަރަކު މަޤާމުން ވަކިކުރުމުގެ އެއްވެސް އިޖުރާއަތެއް ނުހިންގުމަށް ދައުލަތުގެ ހުރިހާ އިދާރާތަކެއްގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.
ޤާނޫނު ހަދަނީ ރައްޔިތުންގެ މަޖިލީހުންނެވެ. ސުޕްރީމް ކޯޓަކީ ވެސް ރައްޔިތުންގެ މަޖިލީހުން ހެދި ޤާނޫނަކުން އުފަންވި ތަނެކެވެ.
ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނަކީ ސިޔާސީ އެކްޓިވިސްޓުން ކަމަށް ދޭހަވާ ގޮތަށް މަޖިލީހުގައި ވާހަކަ ވެސް ދައްކާފައު އެބަހުއްޓެވެ.
ސުޕްރީމް ކޯޓުން މި މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ މެންދުރު 11:00 އަށެވެ.
މި މައްސަލައިގައި އެންމެ ފުރަތަމަ ބޭއްވުނު އަޑުއެހުމުގައި ސުޕްރީމް ކޯޓުގެ ބެންޗުން ވަނީ އެ ކޯޓަށް މައްސަލަ ބެލޭނެ ކަމަށް ނިންމާފައެވެ. މިއީ އިޖުރާއީ ގޮތުން މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެން ނުވާ ކަމަށް ބުނެ ދައުލަތުން މައްސަލަ ބޭރުކޮށްލަން އެދިފައި ވަމިކޮށް ނިންމި ނިންމުމެކެވެ.
މައްސަލަ ހުށަހެޅި ފަރާތުގެ ވަކީލު މަޙްފޫޒް ސަޢީދު ވިދާޅުވެފައިވަނީ ގޮނޑި ގެއްލުވައިލުމުގެ ބާރު ޕާޓީތަކަށް ލިބޭ ގޮތަށް ގެނައި އިޞްލާޙަކީ ޤާނޫނުއަސާސީއާއި ޚިލާފު އަދި ރިޔާސީ ނިޒާމުގެ ސިފައެއް ވެސް ނޫން ކަމަށެވެ.
ނަމަވެސް ސިޔާސީ ފުންނާބު އުސް ހުރިހާ އެންމެންވެސް އިއްތިފާޤުވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ބާޠިލެއް ނުކުރެވޭނެ ކަމަށެވެ. ސަބަބަކީ އެއީ ރައްޔިތުންގެ މަޖިލީހުން ނިންމައި ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރައްވާފައި ވާތީއެވެ.