ދ. ރިނބުދޫގެ ތަޢުލީމީ ދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނެސްދޭނެ ޚަބަރެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާނުކުރައްވައިފިއެވެ.
މިހާރު ދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރިނބުދޫއަށް ކުރެއްވި ޒިޔާރަތުގައި، ރައީސް ވިދާޅުވީ، އެ ރަށުގެ ސްކޫލުގެ އިންފްރާސްޓްރަކްޗަރ މަޝްރޫޢުގެ އަމަލީ މަސައްކަތް މެއި މަހު ފެށޭނެ ކަމަށެވެ.
ރިނބުދޫ ސްކޫލްގައި ޖާގައިގެ މައްސަލަ ވަރަށް ބޮޑު ކަމަށް އެތައް ފަހަރަކު އެ ރަށުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް އަންގާފައި ވެއެވެ.
ރައީސް މިއަދު ވިދާޅުވީ، ރިނބުދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ ގޮތުން، ކުލާސްރޫމްތަކުގެ އިތުރުން ކޮމްޕިއުޓަރ ލެބް އަދި ލައިބްރަރީ ފަދަ ޒަމާނީ ވަސީލަތްތައް ޤާއިމުކުރެވޭނެ ކަމަށެވެ.
ރައީސް ވިދާޅުވިގޮތުގައި މި މަޝްރޫޢުގެ މަސައްކަތް ހަވާލުކުރެވޭނީ ސަރުކާރުގެ ކުންފުންޏަކާއެވެ. މިކަމުގެ ސަބަބުން މަޝްރޫޢު އަވަސް ސްޕީޑެއްގައި ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެއެވެ. އަދި ފައިނޭންސް މިނިސްޓްރީން ސީދާ އެ ކުންފުންޏަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ރިނބުދޫގެ ރައްޔިތުންނަށް އިތުރު އުފާވެރި ޚަބަރެއްގެ ގޮތުގައި، ރައީސް ވަނީ އެ ރަށުގައި އޭޓީއެމްގެ ޚިދުމަތް ވެސް ފައްޓަވައިދެއްވާފައިކަން ފާހަގަ ކުރެވެއެވެ.