ދ. ބަނޑިދޫގައި ޤާއިމްކުރާ އައިސް ޕްލާންޓްގެ ބިންގާ މިއަދު އަޅައިފިއެވެ.
ބަނޑިދޫގައި ބޭއްވި ރަސްމިއްޔާތުގައި މި އައިސް ޕްލާންޓްގެ ބިންގާ އަޅުއްވައިދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި މިފްކޯގެ ސީއީއޯ ޑރ. ވިޓާލީ ލުބިމޯވްއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި މަޝްރޫޢަކީ ސަރުކާރުގެ ޕީއެސްއައިޕީ މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާ 8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
މި މަސައްކަތް މިފްކޯއާ ހަވާލުކޮށްފައިވަނީ 8 މަސް ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މި މަޝްރޫޢުގެ ދަށުން ބަނޑިދޫގައި 30 ޓަނުގެ އައިސްޕްލާންޓެއް ޤާއިމްކުރެވޭނެއެވެ.
މި އައިސްޕްލާންޓް ޤާއިމްކުރުމުން އެ ސަރަޙައްދުގެ މަސްވެރިންނަށް އައިސް ލިބުމުގައި ދިމާވެފައިވާ ދަތިތަކަށް ޙައްލު ލިބި، އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ. މިއީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މި މަޝްރޫޢަކީ މަސް ދޯނިތަކަށް އައިސް ލިބުމުގައި ދިމާވާ ދަތިތަކަށް ޙައްލު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް ކަމަށެވެ.
ސަރުކާރުން ދަނީ މިފްކޯގެ ކެޕޭސިޓީ އިތުރުކޮށް، މަސްވެރިންނަށް ބޭނުންވާ އެކި ޚިދުމަތްތައް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް، މި ސަރުކާރުން ގެންދަނީ މަސްވެރިން މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދެމުންނެވެ. މިއީ މަސްވެރިންނަށް ލިބޭ ވަރަށް ބޮޑު ލުޔެއްކަން މިނިސްޓްރީން ފާހަގަކުރެއެވެ.