މަޤާމު އަދާކުރަނީ މިނިވަންކަމާއެކު، އެއްވެސް ހުރަހެއް ނެތި: ޢަބްދުއްރަޙީމް

އައިޝަތު ރުވާ ރިފްޢަތު | 16 ދުވަސް ކުރިން - 13:47
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ. / ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ. / ފޮޓޯ: މަޖިލިސް
ޚުލާސާ

ޢަބްދުއްރަޙީމް ވިދާޅުވީ އެމަނިކުފާނު މަޖިލީހުގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގަތީ މަޖިލިސް މެންބަރުންގެ ވޯޓުން ކަމަށާއި މަޤާމުގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވަނީ އެއްވެސް ބައެއްގެ ނުފޫޒެއް ނެތި ކަމަށް.

މަޖިލީހުގެ ރައީސްކަމުގެ މަޤާމު އަދާކުރައްވަނީ މިނިވަންކަމާއެކު ކަމަށާއި، އެ މަޤާމު އަދާކުރެއްވުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޢަބްދުއްރަޙީމް މިފަދައިން ވިދާޅުވީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް، މަޖިލީހުގެ ރައީސްގެ ޙާލަތާމެދު ކަންބޮޑުވުން ފާޅުކުރައްވައި، އެމަނިކުފާނަށް ބަޔަކު ބިރުދައްކައިގެން ނުފޫޒު ފޯރުވާކަމަށް ތުހުމަތުކުރެއްވުމާ ގުޅިގެންނެވެ.

"މެންބަރަށް ނޭނގޭނެ އަޅުގަނޑުގެ ޞިއްޙީ ޙާލަތެއްވެސް އަދި ދިރިއުޅުމުގެ ޙާލަތެއްވެސް. މި އިނީ ވަރަށް މިނިވަންކަމާއެކު. މަސައްކަތް އަދާކުރަން ހުރަހެއް ނެތް. ކަންކަން އޮޅުވާލުމަށް މަސައްކަތް ނުކުރެއްވުމަށް އެދެން." ތުހުމަތުތަކަށް ޖަވާބުދެއްވަމުން ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

ޢަބްދުއްރަޙީމް ފާހަގަކުރެއްވި ގޮތުގައި، އެމަނިކުފާނު މަޖިލީހުގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގަތީ މަޖިލިސް މެންބަރުންގެ ވޯޓުންނެވެ. އަދި މަޤާމުގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވަނީ އެއްވެސް މީހެއްގެ ނުވަތަ ބައެއްގެ ނުފޫޒެއް ނެތި، މިނިވަންކަމާއެކު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޢަބްދުއްރަޙީމް ވަނީ ސާބިތުނުހިފޭ ތުހުމަތުތައް ނުކުރެއްވުމަށް މެންބަރު މީކާއިލް އަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

މި ބަހުސް ހިނގާފައިވަނީ ޢަބްދުއްރަޙީމްގެ ދަރިކަލުން އިބްރާހިމް ފައިސަލް ފަތުރުވެރިކަމާ ބެހޭ ވަޒީރުކަމުން ކުއްލި ގޮތަކަށް ވަކިކުރި ފަހުން، ޢަބްދުއްރަޙީމާއި ރައީސް މުޢިއްޒުގެ ގުޅުން ގޯސްވެފައިވާ ކަމަށް ބުނެވޭ ދަނޑިވަޅެއްގައެވެ. ނަމަވެސް، މިދިޔަ ބުރާސްފަތި ދުވަހު ޢަބްދުއްރަޙީމް ވަނީ ރައީސް އޮފީހަށް ވަޑައިގެން ރައީސް އާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި މަޝްވަރާކުރެއްވީ މި ދައުރުގެ ތެރޭގައި ސަރުކާރުން ފޮނުވަން ހުރި ބިލުތަކާ ގުޅޭ ގޮތުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%