މާއެނބޫދޫގައި އޭޓީއެމް ޚިދުމަތް ރައީސް ފަށްޓަވައިދެއްވައިފި

އައިޝަތު ރުވާ ރިފްޢަތު | 18 ދުވަސް ކުރިން - 10:47
މާއެނބޫދޫގައި އޭޓީއެމް ޚިދުމަތް ރައީސް ފަށްޓަވައިދެއްވުން.
މާއެނބޫދޫގައި އޭޓީއެމް ޚިދުމަތް ރައީސް ފަށްޓަވައިދެއްވުން.
ޚުލާސާ

މާއެނބޫދޫގައި އޭޓީއެމް ހުޅުއްވައި ދެއްވުމަށްފަހު ރައީސް ވަނީ އޭޓީއެމްގެ ޚިދުމަތް ބޭނުން ކުރައްވާ ފައިސާ ނަންގަވާފައި.

ދ. މާއެނބޫދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމް ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރަސްމީކޮށް ފަށްޓަވައިދެއްވައިފިއެވެ. މިއީ އެރަށުގައި ޤާއިމްކޮށްފައިވާ ސެލްފް ސަރވިސް އޭޓީއެމްއެކެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަކީ ރައީސް މުޢިއްޒުގެ ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން މާއެނބޫދޫގައި ޤާއިމްކޮށްފައިވާ އޭޓީއެމް، އެމަނިކުފާނު ހުޅުއްވައި ދެއްވީ ނިލަންދެ އަތޮޅު ދެކުނުބުރީގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އޭޓީއެމް ހުޅުއްވައި ދެއްވުމަށްފަހު ރައީސް ވަނީ އޭޓީއެމްގެ ޚިދުމަތް ބޭނުން ކުރައްވާ ފައިސާ ނަންގަވާފައެވެ. އަދި އެމަނިކުފާނު ބޭނުން ކުރެއްވި ކާޑު ވަނީ މާއެނބޫދޫ ކައުންސިލްގެ ރައީސް ޔޫސުފް ސަޢީދާއި ޙަވާލުކުރައްވާފައެވެ.

އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ މި އޭޓީއެމް އާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވުމުގެ ޚިދުމަތް ރައްޔިތުންނަށް ލިބެން ފަށާނެ ކަމަށެވެ. އަދި ކުޑަހުވަދޫ ބްރާންޗުގެ މުވައްޒަފުން މާއެނބޫދޫއަށް ވަޑައިގެން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

"މިއީ ސަރުކާރުން ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ދިވެހި ރައްޔިތުންނަށް ބޭންކިން ޚިދުމަތް ގާތުން ފަސޭހައިން ލުއިކޮށް ދިނުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތް," ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަހަރު ނިމުމުގެ ކުރިން އޭޓީއެމްތައް ބެހެއްޓުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އަދި ދ. ކުޑަހުވަދޫގައި މިއަހަރު ނިމުމުގެ ކުރިން ޑޮލަރު އޭޓީއެމްއެއް ޤާއިމް ކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%