ދ. މާއެނބޫދޫ ސިއްޙީ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމަށް އެޅި އައު އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހުޅުވައިދެއްވައިފިއެވެ. އެމަނިކުފާނު އެ ޢިމާރާތް ހުޅުވައިދެއްވީ މިހާރު އެ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
މި އައު އިމާރާތާއެކު މާއެނބޫދޫ ސިއްޙީ މަރުކަޒުން އަލަށް 5 ޚިދުމަތެއް ތަޢާރަފްކޮށްފައިވެއެވެ. މީގެ ތެރޭގައި އާންމު ސިއްޙަތުގެ ޚިދުމަތްތަކާއި، ދުންފަތުގެ އިސްތިޢުމާލު ކުރު ކުރާ ފަރާތްތަކަށް ބޭނުންވާ ފަރުވާގެ އިތުރުން، ގައިންގައިން ނާރާ ބަލިތަކަށް ފަރުވާ ދިނުމަށް ޚާއްޞަ ކްލިނިކެއް، މާބަނޑު މީހުންނަށް ޚާއްޞަ ކްލިނިކެއް، އަދި ކުޑަކުދިންގެ ބަލިތަކަށް ފަރުވާދިނުމަށް ޚާއްޞަ ކްލިނިކެއް ހިމެނެއެވެ.
މި އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުއެވެ. މި މަޝްރޫޢަށް 4.7 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ސިއްޙަތާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
ރައީސް މާއެނބޫދޫއަށް ވަޑައިގެންނެވުމުން އެރަށުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައި ވެއެވެ.
މިއަދުގެ ދަތުރުފުޅުގައި ރައީސް މުޢިއްޒު މާއެނބޫދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެބީއެމްއެލް)ގެ އޭޓީއެމްގެ ޚިދުމަތްވެސް ފައްޓަވައިދެއްވާނެއެވެ. އަދި މާއެނބޫދޫ ކައުންސިލާއި، އަންހެނުންގެ ކޮމިޓީއާއި އަދި ރައްޔިތުންނާވެސް ބައްދަލުކުރައްވާނެއެވެ.
މިއަދުގެ ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަޑައިގަންނަވާނެ އަނެއް ދެ ރަށަކީ ދ. ބަނޑިދޫ އާއި ދ. މީދޫއެވެ.