މިއަދަކީ މާއެނބޫދޫއަށް އުފާވެރި ދުވަހަކަށް ވާނެ!

އުސްތާޛް މުޙައްމަދު ޢަލީ | 18 ދުވަސް ކުރިން - 09:43
ފޮޓޯ: މާއެނބޫދޫ ކައުންސިލް.
ފޮޓޯ: މާއެނބޫދޫ ކައުންސިލް.
ޚުލާސާ

ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް ހުޅުވައިދެއްވުމާއެކު ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް މިއަދު އެރަށަށް ލިބޭނެ. މިގެ އިތުރުން ތަރައްޤީގެ އިތުރު މަޝްރޫޢުތަކެއް އިޢުލާން ކުރާނެ!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުހެ ތެރެއިން މިއަދު ފުރަތަމަ ވަޑައިގަންނަވާނީ އެއަތޮޅު މާއެނބޫދޫއަށެވެ. އޭގެ ކުރިން އިއްޔެ ވަނީ ކުޑަހުވަދޫ އަށް ވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ދ. މާއެނބޫދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްގެ ޚިދުމަތް ފައްޓަވައިދެއްވާނެއެވެ. މިއީ ރައީސް މުޢިއްޒު ދ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ވަޑައިގަންނަވާ ދެވަނަ ރަށެވެ.

މާއެނބޫދޫގައި އޭޓީއެމްގެ ޚިދުމަތް ފެށުމުގެ އިތުރުން، އެ ރަށުގެ ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތްވެސް ހުޅުވައިދެއްވާނެއެވެ. އަދި މާއެނބޫދޫ ކައުންސިލާއި، އަންހެނުންގެ ކޮމިޓީއާއި އަދި ރައްޔިތުންނާއި ވެސް ބައްދަލުކުރައްވައި އެފަރާތްތަކުގެ އަޑުތައް އައްސަވައި، އެރަށު ރައްޔިތުން އެދޭ ގޮތަށް އެރަށުގެ ތަރައްޤީ ބައްޓަން ކުރާނެއެވެ.

މިއަދުގެ ދަތުރުފުޅުގައި ރައީސް މުޢިއްޒު ވަޑައިގަންނަވާނެ އަނެއް ދެ ރަށަކީ ދ. ބަނޑިދޫ އާއި ދ. މީދޫއެވެ.

ކުރިން ވަޑައިގެންނެވި ދ. ކުޑަހުވަދޫގައި ރައްޔިތުންނާއި ބައްދަލުކުރެއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކުރިއަށް އޮތް ރަމަޟާން މަހު ވެސް ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓް ދެއްވާނެ ކަމަށެވެ. އަދި މިދިޔަ އަހަރު ދެއްވި ގޮތަށް މި އަހަރު ވެސް މި ޑިސްކައުންޓް ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ވެރިކަމާއި ޙަވާލުވެވަޑައިގަތް ފަހުން ފުރަތަމަ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރެއްވި މަސައްކަތުން، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދޭނެ ގޮތަށް ކަންކަން މިހާރު ފަހިވެފައިވާ ކަމަށެވެ. އަދި ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދެވުމަށް އަމަލީ ގޮތުން މަސައްކަތްކުރައްވާ މަންޒަރު މި އަހަރު ފެނިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މާއެނބޫދޫ އަށް ރައީސް ވަޑައިގަންނަވަންވާއިރަށް އެ ރަށު ރައްޔިތުން ތައްޔާރުވަމުންދާއިރު މިއަދަކީ ޑިމޮކްރަސީގައި ރާއްޖޭގެ ތާރީޚުގައި މާއެނބޫދޫއަށް މިހާތަނަށް އައި އެންމެ އުފާވެރި ދުވަހެވެ. އަދި އެންމެ އުފާވެރި ޚަބަރުތައް ލިބޭނެ ވެސް ދުވަހެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%