ރައީސްގެ ކުޑަހުވަދޫ ދަތުރުފުޅުން ރައްޔިތުންގެ އުންމީދުތަކުގައި ހަޤީޤީ ކުލަޖެހިއްޖެ: ކައުންސިލް

އާނާ ފަހީމް | 19 ދުވަސް ކުރިން - 21:33
ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާގައި ރައީސްއާއިއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން. / ފޮޓޯ: ރައީސް އޮފީސް
ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާގައި ރައީސްއާއިއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ބައްދަލުވުމުގައި ކައުންސިލުން ވަނީ ޤައުމު ތަރައްޤީކުރުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތުތަކަށް ތާއީދުކުރައްވާކަން ފާހަގަކުރައްވާފައި.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުޑަހުވަދޫއަށް ކުރައްވަމުންދާ ދަތުރުފުޅަކީ ރަށުގެ ގިނަ ރައްޔިތުންގެ ދުވަސްވީ އުންމީދުތަކުގައި ހަޤީޤީ ކުލަޖެހޭ ދަތުރުފުޅެއްކަމަށް ކުޑަހުވަދޫ ކައުންސިލުން ބުނެފިއެވެ.

ކައުންސިލުން މިފަދައިން ބުނީ މިއަދު ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާގައި ރައީސް އާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ ކުޑަހުވަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، އަދި ކުޑަހުވަދޫގެ ބައެއް މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ކައުންސިލުން ވަނީ ޤައުމު ތަރައްޤީކުރުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތުތަކަށް ތާއީދުކުރައްވާކަން ފާހަގަކުރައްވާފައެވެ.

ކައުންސިލުން ވަނީ ކުޑަހުވަދޫގައި އިންޑަސްޓްރިއަލް އޭރިއާއެއް ހެދުމާއި، މަސް ފެކްޓްރީއެއް ޤާއިމުކުރުމާއި، އަދި ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް އެދިފައެވެ. މި ކަންކަމާ ގުޅޭގޮތުން ރައީސް ވަނީ އެކަން ބައްލަވާނެކަމަށް ވިދާޅުވެފައެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ ކުޑަހުވަދޫގައި ޢިމާރާތްކުރާ އައު ހޮސްޕިޓަލުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި ކުޑަހުވަދޫގައި އަލަށް ޢިމާރާތްކުރާ ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައިވެސް ބައިވެރިވެވަޑައިގެންފައެވެ.

ރައީސްގެ މި ދަތުރުފުޅަކީ މި ހިނގާ ރިޔާސީ ދައުރުގައި ކުޑަހުވަދޫއަށް ކުރައްވާ 3 ވަނަ ދަތުރުފުޅުކަން ކައުންސިލުން ފާހަގަކުރިއެވެ.

މި ބައްދަލުވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ވަނީ ސަރުކާރުން އަންހެނުންގެ ތަރައްޤީއަށް ކުރައްވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން ރައީސް ވަނީ އާބަން ސެންޓަރުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ރަށްތަކަށް ކޮށްދެއްވުމަށް ވަޢުދުވެވަޑައިގެންފައިވާ ކަންކަން ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ކުޑަހުވަދޫގެ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތުތައް ވެސް ހިއްސާކުރައްވާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%