ދ. އަތޮޅު ހޮސްޕިޓަލުގެ އައު ޢިމާރާތްކުރުމަށް އާރްޑީސީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

އާނާ ފަހީމް | 65 ދުވަސް ކުރިން - 23 ފެބްރުއަރީ 2025 17:50
ދ. އަތޮޅު ހޮސްޕިޓަލުގެ އައު ޢިމާރާތްކުރުމަށް އެއްބަސްވުމުގައި ސޮއިކުރުން. / ފޮޓޯ: ސިއްޙަތާއި ބެހޭ ވުޒާރާ
ދ. އަތޮޅު ހޮސްޕިޓަލުގެ އައު ޢިމާރާތްކުރުމަށް އެއްބަސްވުމުގައި ސޮއިކުރުން. / ފޮޓޯ: ސިއްޙަތާއި ބެހޭ ވުޒާރާ
ޚުލާސާ

މި މަޝްރޫޢުގެ ދަށުން ޢިމާރާތްކުރާ 50 އެނދުގެ ހޮސްޕިޓަލުގައި މެމޮގްރަފީ ޚިދުމަތް، ޑެންޓަލް އޯޕީޖީ، ކަށީގެ ފަރުވާއަށް ޚާއްޞަ އޯތޯ-ތިއޭޓަރ އަދި ޕްރައިވެޓް ރޫމް ފެސިލިޓީތައް ހިމެނޭނެ.

ދ. އަތޮޅު ހޮސްޕިޓަލުގެ އައު ޢިމާރާތްކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފިއެވެ.

181 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އިއްޔެއެވެ.

ސިއްޙަތާ ބެހޭ ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙުމަދު ޤާސިމެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަސްބާހް އަލީ ނަސީރެވެ.

މި މަޝްރޫޢުގެ ދަށުން ޢިމާރާތްކުރާ 50 އެނދުގެ ހޮސްޕިޓަލުގައި މެމޮގްރަފީ ޚިދުމަތް، ޑެންޓަލް އޯޕީޖީ، ކަށީގެ ފަރުވާއަށް ޚާއްޞަ އޯތޯ-ތިއޭޓަރ އަދި ޕްރައިވެޓް ރޫމް ފެސިލިޓީތައް ހިމެނޭނެއެވެ. މީގެ އިތުރުން ސްޓާފުންނަށް ތަމްރީން ދިނުމަށް ބޭނުންވާ ފެސިލިޓީއާއި، އަތޮޅުތެރޭގެ މުވައްޒަފުންނަށް ތަމްރީން ދިނުމަށް ބޭނުންވާ ފެސިލިޓީވެސް ޤާއިމްކުރެވޭނެއެވެ.

ސިއްޙަތާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ހޮސްޕިޓަލަކީ ކޯވިޑް-19 ފަދަ ބަލިމަޑުކަމުގެ ހާލަތްތަކުގައިވެސް ހޮސްޕިޓަލުގެ ޚިދުމަތް މެދުނުކެނޑި ކުރިއަށް ގެންދެވޭނެ ގޮތަށް ފަރުމާކުރެވޭ ހޮސްޕިޓަލެކެވެ. މިގޮތުން ފްލޫ ކްލިނިކާއި އައިސޮލޭޝަން ފެސިލިޓީއާއި، ހުރިހާ އެނދަކަށް ޕައިޕްޑް އޮކްސިޖަން، މެޑިކަލް އެއަރ އަދި ސަކްޝަން އަޅާފައި ހުންނާނެ ކަމަށް ވުޒާރާއިން ބުންޏެވެ.

ހޮސްޕިޓަލުގެ ހަކަތައިގެ ޚަރަދު ކުޑަކުރުމަށްޓަކައި ސޯލަރ ޕީވީ ސިސްޓަމެއް ހަރުކުރެވޭނެ ކަމަށްވެސް ވުޒާރާއިން ބުންޏެވެ. މީގެ އިތުރުން ޕަވަރ ބެކަޕް ސިސްޓަމަކާއި، ވޭސްޓް މެނޭޖްމަންޓް ސިސްޓަމާއި، ހޮސްޕިޓަލް ގްރޭޑް އިންޑަސްޓްރިއަލް ލޯންޑްރީ ސެޓަޕެއްވެސް ޤާއިމްކުރެވޭނެ ކަމަށާއި، ހޮސްޕިޓަލަށާއި އަތޮޅުތެރެއަށް ބޭނުންވާ މެޑިކަލް އޮކްސިޖަން ޕްލާންޓެއްވެސް ޤާއިމްކުރެވޭނެ ކަމަށް ވުޒާރާއިން ބުންޏެވެ.

ދ. އަތޮޅު ހޮސްޕިޓަލް ހުންނަ ކުޑަހުވަދޫއަކީ އެއަރޕޯޓެއް އޮންނަ ރަށަކަށްވާތީ، އިމަރޖެންސީ ހާލަތްތަކުގައި ބޭނުންކުރެވޭނެ އިމަރޖެންސީ އީ-އާރެއްވެސް އައު ހޮސްޕިޓަލުގައި ޤާއިމްކުރެވޭނެ ކަމަށް ވުޒާރާއިން ބުންޏެވެ.

މި އައު ހޮސްޕިޓަލް ޢިމާރާތްކޮށް ނިމި ޚިދުމަތްދޭން ފެށުމުން، މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުވެ، ހޮސްޕިޓަލުން ފޯރުކޮށްދޭންޖެހޭ އެންމެހާ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވޭނެކަމަށް ވުޒާރާއިން ބުނެފައިވެއެވެ. އަދި ކުޑަހުވަދޫގެ ރައްޔިތުންނާއި ކައިރި ރަށްރަށުގެ ރައްޔިތުންނަށްވެސް ޞިއްޙީ ޚިދުމަތް ލިބިގަތުމުގައި ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް އެ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%