ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު މުހިންމު ތިން ފަރާތަކާއެކު ކުށް މަދުކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމަކީ "ކޮމިއުނިޓީ ސޭފްޓީ ޕާޓްނަރޝިޕް" ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ކަމެކެވެ.
އިސްކަންދަރު ކޮށީގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢުއެވެ. އަދި އެހެން ފަރާތްތަކުން ސޮއިކުރެއްވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރ މުޙައްމަދު މުޢީން، ޕްރޮކްސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝާހިދު، އަދި އެސް.އެސް ޓީވީގެ ޗީފް ކޮންޓެންޓް އޮފިސަރ މުޙައްމަދު ޒަހީނެވެ.
މި އެއްބަސްވުމުގެ ދަށުން، ކޮމިއުނިޓީ އެންގޭޖްމަންޓާއި ގުޅޭ ތަފާތު ޕްރޮގްރާމްތަކެއް މާލެއާއި އަތޮޅުތެރޭގެ އެކި ރަށްރަށުގައި ހިންގުމަށް ވަނީ ރޭވިފައެވެ. މި ޕްރޮގްރާމްތަކުގެ މަޤްޞަދަކީ ފުލުހުންނާއި ރައްޔިތުންނާއި ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމެވެ.