އިންޑިއާގެ ފިލްމްތަކަށް ލޯބިކުރާ ދިވެހިންނަށް ޚާއްޞަކޮށްގެން "އިންޑިއަން ފިލްމް ފެސްޓިވަލް" ގެ ނަމުގައި ޚާއްޞަ ފިލްމު ފެސްޓިވަލެއް އިއްޔެ ރާއްޖޭގައި ފަށައިފިއެވެ. މި ފެސްޓިވަލް އިފްތިތާޙު ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން އިންތިޒާމުކޮށްގެން ބާއްވާ މި ފެސްޓިވަލް ކުރިއަށްދާނީ އޮލިމްޕަހާއި ހުޅުމާލޭގެ ޝްވެކް ސިނަމާގައެވެ. އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފެސްޓިވަލްގައި، އެކި ދުވަސްތަކުގައި ތަފާތު ރީތި ފިލްމުތަކެއް ދެ ސިނަމާގައި ވެސް ދައްކާނެއެވެ. މި ފިލްމުތައް ބަލާލުމަށް ހިލޭ ވަދެވޭނެއެވެ.
ފެސްޓިވަލްގައި ދައްކަން ހަމަޖެހިފައިވާ ފިލްމުތަކަކީ ޢާންމުންގެ މެދުގައި ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ފިލްމުތަކެކެވެ. އޭގެ ތެރޭގައި "އިންގްލިޝް ވިންގްލިޝް"، "83"، "ޒިންދަގީ ނާ މިލޭގީ ދޯބާރާ" ފަދަ ހިންދީ ފިލްމުތައް ހިމެނެއެވެ. މީގެ އިތުރުން ތަމިޅު، ޕަންޖާބީ، މަލަޔާޅަމް އަދި ކަންނަޑާ ފިލްމުތައްވެސް ދެއްކުމަށް ހަމަޖެހިފައިވެއެވެ.
ދިވެހިންނަކީ އަބަދުވެސް އިންޑިއާ ފިލްމުތަކަށް ލޯބިކުރާ ބައެއްކަން ފާހަގަކުރެވެއެވެ. ޚާއްޞަކޮށް ހިންދީ ފިލްމުތަކަށް ލޯބިކުރާ ދިވެހިންގެ އަދަދު ވަރަށް ގިނައެވެ. މި ފެސްޓިވަލްގެ ސަބަބުން އިންޑިއާގެ ތަފާތު ބަސްތަކުގެ ފިލްމުތައް ބަލާލުމުގެ ފުރުޞަތު ދިވެހި ސިނަމާ ލޯބިވެރިންނަށް ލިބިގެންދާނެއެވެ.