ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ފެނަކަ އާއި ޙަވާލުކުރި 14 އައިސް ޕްލާންޓު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ދަށަށް އަލުން ބަދަލުކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ މިފްކޯގެ ސީއީއޯ ޑރ. ވިޓާލީ ލުބިމޯވް އާއި ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ނަޖާޙެވެ.
މިފްކޯގެ ދަށަށް އަލުން ބަދަލުކުރެވުނު އައިސް ޕްލާންޓްތަކުގެ ތެރޭގައި ހއ. އިހަވަންދޫ، ނ. ޅޮހި، ރ. އަލިފުށި، ބ. ތުޅާދޫ، ފ. ފީއަލި، ފ. ނިލަންދޫ، ތ. ހިރިލަންދޫ، ގއ. ނިލަންދޫ، ގއ. ދެއްވަދޫ، ގއ. ގެމަނަފުށި، ގއ. ކޮލަމާފުށި، ގދ. ފަރެސްމާތޮޑާ، ގދ. ފިޔޯރީ އަދި އައްޑޫ ހިތަދޫގެ އައިސް ޕްލާންޓްތައް ހިމެނެއެވެ.
މި އައިސް ޕްލާންޓްތައް ފެނަކަ އާއި ޙަވާލުކުރެވުނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު 22 ވަނަ ދުވަހުއެވެ. އޭރު މިފްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އިސްމާޢީލް ފައުޒީ ވިދާޅުވެފައިވަނީ، މިފްކޯގެ މަސައްކަތުގެ 70 އިންސައްތައަކީ ތެލުން ހިންގާ އޮޕަރޭޝަންތަކެއް ކަމަށްވުމާއެކު، އައިސް ޕްލާންޓްތައް ފެނަކަ އާއި ޙަވާލުކުރުމުން މަސްވެރިންނަށް އެކަށީގެންވާ ޚިދުމަތެއް ދެވިގެންދާނެ ކަމަށެވެ.
ގިނަ އައިސް ޕްލާންޓުތަކުގައި މައްސަލަތައް ދިމާވެ ވަގުތީ ގޮތުން އޮޕަރޭޝަނަށް ބުރޫ އެރުމުން މިސަރުކާރުން ވަނީ އެކަން ބަލައި މައްސަލަ ހައްލުކޮށްފައެވެ. އަދި އެގޮތަށް ދިމާވީ ކުރީ ސަރުކާރުން އެ އައިސް ޕްލާންޓުތަކަށް ފަރުވާ ކުޑަކޮށްލުމުންނެވެ.
މިފްކޯއިން ބުނެފައިވަނީ އައިސް ޕްލާންޓްތައް ފުރިހަމަ ކެޕޭސިޓީގައި ހިންގުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އެ ކުންފުނީގެ ޓެކްނިކަލް އަދި އިންޖިނިއަރިންގ ޓީމުތަކުން ކުރަމުންދާ ކަމަށެވެ.