ބަންކަރިން ފުޅާ ނުކުރެވިހުރީ ކުރީ ސަރުކާރުތަކުން އަހަންމިއްޔަތުކަން ނުދިނުމުން: މިނިސްޓަރު ސަޢީދު

ހުސައިން އިސްމާއިލް | 27 ދުވަސް ކުރިން - 01:14
“އަހާ ފޯރަމް”ގައި މިނިސްޓަރ ސަޢީދު ވާހަކަފުޅު ދައްކަވަނީ.
“އަހާ ފޯރަމް”ގައި މިނިސްޓަރ ސަޢީދު ވާހަކަފުޅު ދައްކަވަނީ.
ޚުލާސާ

ވަޒީރު ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ބަންކަރިންގ ދާއިރާއަށް އަހަންމިއްޔަތުކަން ދީފައިވާނަމަ، ރާއްޖެއަށް މި ދާއިރާއިން ބޮޑެތި އާމްދަނީތަކެއް މިހާރު ލިބެމުންދާނެ ކަމަށް.

ރާއްޖޭގައި މިހާތަނަށް ބަންކަރިންގ ވަޞީލަތްތައް ތަރައްޤީ ނުވެ ފަހަތަށް ޖެހިފައިވަނީ ކުރީގެ ސަރުކާރުތަކުން އެ ދާއިރާއަށް ދޭންޖެހޭ އަހަންމިއްޔަތުކަން ނުދިނުމުގެ ސަބަބުން ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

"އަހާ" ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ބަންކަރިންގ ދާއިރާއަށް އެކަށީގެންވާ ސަމާލުކަމެއް ނުދިނުމުގެ ސަބަބުން، ރާއްޖެއަށް ލިބެންޖެހޭ އިޤްތިޞާދީ ފައިދާތައް ގެއްލިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނާ އަވައްޓެރި ބައެއް ޤައުމުތަކަކީ އިންޓަރނޭޝަނަލް ބަންކަރިންގެ ޚިދުމަތް، އޮންޕޯޓް ފެސިލިޓީއާއެކު ފޯރުކޮށްދޭ ފަރާތްތަކެއް. މާނައަކީ ބަނދަރާއި އެއްގަމުގައި ޓޭންކުތައް ހެދިގެން، ސްޓޯރެޖުތައް ހެދިގެން ވަރަށް ފަސޭހަކަމާއެކު ބޯޓުފަހަރުތައް ވަދެގެން އައިސް، މަޑުކޮށްގެން ހަމަޖެހިލައިގެން އެ ޚިދުމަތް ހޯދާ ފަރާތްތައް. އެ ފަރާތްތަކާ ދިވެހިރާއްޖޭން ވާދަކުރަން މިޖެހެނީ. އެތައް ޒަމާނެއްގެ ނެގްލިޖެންސް އިނގޭތޯ،" އިޤްތިޞާދީ ތަރައްގީއާއި ބެހޭ ވަޒީރު ސަޢީދު ވިދާޅުވިއެވެ

ވަޒީރު ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ބަންކަރިންގ ދާއިރާއަށް އަހަންމިއްޔަތުކަން ދީފައިވާނަމަ، މިހާރު ރާއްޖެއަށް މި ދާއިރާއިން ބޮޑެތި އާމްދަނީތަކެއް ލިބެމުންދާނެ ކަމަށެވެ. ނަމަވެސް، މި ސަރުކާރުން ބަންކަރިންގ ދާއިރާ ތަރައްޤީ ކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާ، ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވަޒީރު ފާހަގަ ކުރެއްވިއެވެ.

އޮފްޝޯ ބަންކަރިންގ ޚިދުމަތް ފެށިތާ އަދި ފަސް މަސްދުވަސް ވީއިރު، ރާއްޖެއިން ވަނީ ގިނަ ކުރިއެރުންތަކެއް ހޯދާފައި ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އެސްޓީއޯއިން މިހާތަނަށް ދެ ޝިޕްމަންޓެއް ގެނެސްފައިވާއިރު ތިންވަނަ ޝިޕްމަންޓް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އަދި ބައިނަލްއަޤްވާމީ ބަންކަރިންގއާ ބެހޭ ބިލެއް ފަރުމާކޮށްފައިވާއިރު މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުރެވޭ ކަމެއް ކަމަށް ވަޒީރު ފާހަގަ ކުރެއްވިއެވެ.

ވަޒީރު ސަޢީދު ވިދާޅުވީ، ހޯރަފުށީގައި ބަންކަރިންގ ޚިދުމަތަށް ބޭނުންވާ ސްޓޯރެޖް ފެސިލިޓީ ހެދުމުގެ މަސައްކަތް މި އަހަރު ތެރޭގައި ފެށޭނެ ކަމަށެވެ. މީގެ އިތުރުން، ބަނދަރެއް ހަދައި ޓަރމިނަލް ޤާއިމުކުރުމުން ބައިނަލްއަޤްވާމީ ބަންކަރިންގ ޚިދުމަތް ރާއްޖޭގައި ފުޅާވެގެން ދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%