ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންޑިޔާ ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގެންފި

އައިޝަތު ރުވާ ރިފްޢަތު | 25 ދުވަސް ކުރިން - 10:41
މަޖިލީސްރައީސް އިންޑިޔާ ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގަތުން/ ފޮޓޯ: މަޖިލިސް
މަޖިލީސްރައީސް އިންޑިޔާ ދަތުރުފުޅު ނިންމަވާލައްވައި ރާއްޖެ ވަޑައިގަތުން/ ފޮޓޯ: މަޖިލިސް
ޚުލާސާ

މި ދަތުރުފުޅުގައި މަޖިލިސް ރައީސް ވަނީ އިންޑިޔާގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގެއަށް ޒިޔާރަތްކުރައްވައި، ލޮކްސަބާގެ ރައީސް އޯމް ބިރްލާއާ ބައްދަލުކުރައްވާފައި.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އިންޑިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ ކަމުގައިވާ ލޮކް ސަބާގެ ރައީސްއާއި މަތިގެ ކަމުގައިވާ ރާޖްޔަ ސަބާގެ ޗެއަރމަންގެ ދަޢުވަތަކަށް މި މަހުގެ 10 އިން 14 އަށް ކުރެއްވި ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި މަޖިލިސް ރައީސް ވަނީ އިންޑިޔާގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގެއަށް ޒިޔާރަތްކުރައްވައި، ލޮކްސަބާގެ ރައީސް އޯމް ބިރްލާއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި، އިންޑިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގޭގައި ޒަމާނާ އެއްގޮތަށް ޓެކްނޮލޮޖީގެ ވަޞީލަތްތަކާއި އާޓިފިޝަލް އިންޓަލިޖެންސް ބޭނުންކުރާކަން މަޖިލިސް ރައީސް ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ޒަމާނާ އެއްގޮތަށް ތަރައްޤީކޮށް ޑިޖިޓައިޒްކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވުމަށް އެދިވަޑައިގަތެވެ.

ލޮކް ސަބާގެ ރައީސް އޯމް ބިރްލާ ވަނީ ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ޑިޖިޓައިޒްކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އަރުވާފައެވެ. އަދި މަޖިލިސް މެމްބަރުންނާއި މުވައްޒަފުން ތަމްރީނުކުރުމުގައިވެސް އެހީތެރިވެދެއްވާނެކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، މަޖިލިސް ރައީސް ވަނީ އިންޑިޔާގެ ނައިބު ރައީސް އަދި ރާޖްޔަ ސަބާގެ ޗެއަރމަން ޝްރީ ޖަގްދީޕް ދަންޚާރުއާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، ޤާނޫނުހަދާ މަޖިލިސްތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމާއި، އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުންތަކާއި ފަތުރުވެރިކަމާއި ސަރަޙައްދީ ހަމަޖެހުން އިތުރުކުރުމާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.

މި ދަތުރުފުޅުގައި މަޖިލިސް ރައީސާއެކު 9 މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް، ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަފޫ ޙާމިދު، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން، ކުޑަހުވަދޫ ދާއިރާގެ މެންބަރު ޙުސައިން ޙަމީދު، ގެމަނަފުށި ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބް އަދި ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ޙަބީބް ހިމެނިވަޑައިގަންނަވައެވެ.

މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި އިންޑިޔާއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ޚާއްޞަކޮށް ޤާނޫނު ހަދާ މަޖިލިސްތަކުގެ މެދުގައި އޮތް ގުޅުން ވަރުގަދަކުރުމަށް މަގުފަހިކޮށްދޭނެ ދަތުރުފުޅެއް ކަމަށް ބެލެވެއެވެ. ޚާއްޞަކޮށް ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ޑިޖިޓައިޒްކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން އިންޑިޔާއިން ލިބިގެންދާނެކަމަށް އުންމީދުކުރެވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%