އިނގިރޭސި ޕްރިމިއާ ލީގުން ލިވަޕޫލްގެ ކޯޗު އާނޭ ސްލޮޓަށް ދެ މެޗުގެ ސަސްޕެންޝަނެއް ދިންކަމަށް ބުނެ ނެރުނު ބަޔާން އަނބުރާ ގެންގޮސްފިއެވެ. މިކަމުގެ ސަބަބުން ސްލޮޓްގެ ސަސްޕެންޝަނާއި މެދު އޮޅުން އަރައިފިއެވެ.
ބުދަ ދުވަހު ގުޑިސަން ޕާކުގައި ކުޅުނު މާސީސައިޑް ޑާބީ މެޗު ނިމިގެން ހިނގި ކަންތަކުގައި ސްލޮޓަށް ރަތް ކާޑެއް ދެއްކިއެވެ. އެ ރޭ ފެނުނު މަންޒަރަކީ އިތުރު ވަގުތުގައި ޖޭމްސް ޓާކޮވްސްކީ ޖެހި ލަނޑުން އެވަޓަން އެއްވަރުވުމާއި އެކު، ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ހަމަނުޖެހުމެއް ހިނގައި، އަބްދުﷲ ޑޮކޫރޯ އާއި ކާޓިސް ޖޯންސްއަށް ރަތް ކާޑު ދެއްކުމަށްފަހު، ސްލޮޓް އާއި އޭނާގެ އެސިސްޓެންޓް ސިޕްކެ ހުލްޝޮފް ވެސް މެޗުން ބޭރުކުރެވުނު ތަނެވެ.
މެޗަށްފަހު ސްލޮޓްގެ ނޫސްވެރިންގެ ބައްދަލުވުން ކެންސަލްކުރެވުނު ނަމަވެސް، އޭނާގެ އަމަލުތަކާއި ގުޅިގެން އަދަބެއް ދީފައިވާކަމަށް ފެނުނެވެ. ޕްރިމިއާ ލީގުން ނެރުނު ބަޔާނުގައި އޭރު ބުނެފައިވަނީ ސްލޮޓަށް ދެ މެޗުގެ ސަސްޕެންޝަނެއް ދީފައިވާ ކަމަށެވެ. ނަމަވެސް، ފަހުން މި ބަޔާން ވަނީ އަނބުރާ ގެންގޮސްފައެވެ.
ދި އެތްލެޓިކްގެ ޖޭމްސް ޕިއާސްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން، މި ބަޔާނަކީ "ކުށަކުން" ނެރެވުނު އެއްޗެކެވެ. އަދި ޕްރިމިއާ ލީގުން އަދި ރެފްރީގެ ރިޕޯޓު ބަލައި، ފިޔަވަޅު އަޅަން ނިންމާފައި ނުވާ ކަމަށް ބުނެފައިވެއެވެ.
މިހާރު އޮތް ގޮތުން، ސްލޮޓަށް އާދިއްތަ ދުވަހު ވުލްވްސްއާ ދެކޮޅަށް ކުޅޭ މެޗުގައި ބެންޗަށް ދެވޭނެއެވެ. ނަމަވެސް އޭނާއަށް ފަހުން ސަސްޕެންޝަނެއް ދީފިނަމަ، އެސިސްޓެންޓް ކޯޗު ޖޮނީ ހައިޓިންގާ ބެންޗުގެ ޒިންމާ ނަގާނެ ކަމަށް ބެލެވެއެވެ.
ލިވަޕޫލް މި އާދިއްތަ ދުވަހު އެންފީލްޑުގައި ވުލްވްސްއާއި ދެކޮޅަށް ކުޅޭއިރު، ފެބްރުއަރީ 19 ވަނަ ދުވަހު އެސްޓަން ވިލާއާއި ބައްދަލުކުރާނެއެވެ. އެއަށްފަހު ދެން އޮތީ މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅޭނެ މެޗެވެ.