ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ޒަމާނާ އެއްގޮތަށް ތަރައްޤީކޮށް ޑިޖިޓަލައިޒްކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމަށް އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޯކްސަބާގެ ރައީސް އޯމް ބިރްލާ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އިންޑިއާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެއަށް ކުރެއްވި ޒިޔާރަތުގައި ބޭއްވެވި މަޝްވަރާގެ ތެރެއިންނެވެ.
މި ބައްދަލުވުމުގައި ޢަބްދުއްރަޙީމް ވަނީ ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ޒަމާނާ އެއްގޮތަށް ތަރައްޤީކޮށް ޑިޖިޓަލައިޒްކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
މިކަމާ ގުޅިގެން ލޮކްސަބާގެ ރައީސް އޯމް ބިރްލާ ވަނީ ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ޑިޖިޓަލައިޒްކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ. އަދި މަޖިލިސް މެންބަރުންނާއި މަޖިލިސް އިދާރާގެ މުވައްޒަފުން ތަމްރީނުކުރުމުގައިވެސް އެހީތެރިކަން ދެއްވާނެކަމަށް އޭނާ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި އޯމް ބިރްލާ ވަނީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށް އަލިއަޅުއްވާލައްވާފައެވެ. އަދި ރާއްޖެއަކީ އިންޑިއާއިން ގެންގުޅޭ "ނެއިބަރހުޑް ފަސްޓް ޕޮލިސީ" އާއި އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އިންޑިއާއިން ގެންގުޅޭ "ސާގަރް" ޕޮލިސީގައިވެސް މުހިންމު ބައިވެރިއެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ޢަބްދުއްރަޙީމްގެ މި ދަތުރުފުޅުގައި އިންޑިޔާގެ ނައިބު ރައީސް އަދި ރާޖްޔަ ސަބާގެ ޗެއަރމަންއާ ވެސް ބައްދަލުކުރައްވާނެއެވެ.
މި ދަތުރުފުޅުގައި ޢަބްދުއްރަޙީމްގެ އަރިހުގައި މަޖިލީހުގެ 9 މެންބަރުން ބައިވެރިވެވަޑައިގަންނަވައެވެ. އެއީ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް، ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަފޫ ޙާމިދު، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން، ކުޑަހުވަދޫ ދާއިރާގެ މެންބަރު ޙުސައިން ޙަމީދު، ގެމަނަފުށި ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބް އަދި ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ޙަބީބެވެ.