މިއީ ކިއުގައި ތިބެގެން މަސް ކިރުވާނެ އެންމެ ފަހު އަހަރު: ވަޒީރު

ހުސައިން އިސްމާއިލް | 31 ދުވަސް ކުރިން - 11:10
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް. / ފޮޓޯ: ޚުލާޞާ
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް. / ފޮޓޯ: ޚުލާޞާ
ޚުލާސާ

މި ސަރުކާރުގެ ތަރައްޤީގެ ޕްލޭންގައި މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ރޭވިފައިވާ މަސައްކަތްތަކުން މަސް ކިރުވަން ތިބޭ ކިޔޫ ނައްތާލާނެ.

މަސްވެރިން މަސް ކިރުވުމަށް ކިޔޫގައި ޖެހެންޖެހޭ ދަތިކަން މި އަހަރުން ފެށިގެން ނިމުމަކަށް އަންނާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި މިހާރު އޮތް ކިޔޫ ނިމުމަކަށް އަންނާނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ރާއްޖޭގެ މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށެވެ. އަދި ފާއިތުވި ދެ އަހަރުގެ ޖަނަވަރީ އަދި ފެބްރުއަރީ މަހާއި އަޅާބަލާއިރު ވެސް މި އަހަރު މަސްވެރިކަން ރަނގަޅުވެފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"އިރާދަކުރެއްވިއްޔާ މިއީ ކިޔޫގައި ޖެހޭނެ ފަހު އަހަރު. އަޅުގަނޑުމެންގެ މި ސަރުކާރުގެ ތަރައްޤީގެ ޕްލޭންގައި މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ރޭވިފައިވާ މަސައްކަތްތަކުން މި ކިޔޫ ނައްތާލާނަން," ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތުގެ ސްޓޯރޭޖް ކެޕޭސިޓީ 8,000 ޓަނުން 25,000 ޓަނަށް އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މި މަސައްކަތްތައް ނިމުމުން، މަސްވެރިންނަށް އެއްވެސް ދަތިކަމެއްނެތި މަސް ކިރުވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، މިފްކޯގެ ބޯޓުތައް މަރާމާތުކޮށް އަލުން އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ޚާއްޞަކޮށް ޖަޒީރާ 2 އަދި ޖަޒީރާ 3 ގެ މަރާމާތުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، މި ދެ ބޯޓު އޮޕަރޭޝަނަށް ގެނެވިއްޖެނަމަ މިހާރު އޮތް ކިޔޫއަށް ވަރަށް ބޮޑު ހައްލެއް ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%