ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ މާލީ ސިޔާސަތުތަކަށް ގެންނެވި ހެޔޮ ބަދަލުތަކާއެކު ރާއްޖޭގެ ރަސްމީ ރިޒާވް 708 މިލިއަން ޑޮލަރަށް އަރައިފިއެވެ.
މިއީ ބަނގުރޫޓު ވާނެއޭ ބުނި ދިވެހިރާއްޖޭގެ އިޤްތިޞާދު ކޮޅަށް ނެގެހެއްޓުމަށްޓަކައި ފައިސާ ޗާޕު ނުކޮށް، ރާއްޖެ ޑިފޯލްޓް ނުވެ، ބޭރު ޤައުމުތަކަށް ލޯނު ވެސް ދައްކަމުން، މި ސަރުކާރުން ތަންފީޛުކުރި ޚަރަދުކުޑަ “އުފެއްދުންތެރި” ސިޔާސަތުގެ ނަތީޖާއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނީ މިދިޔަ ޖެނުއަރީ މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް 708 މިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާފައިވާކަމަށެވެ.
އެމްއެމްއޭއިން ޢާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޖެނުއަރީ މަހުގެ ނިޔަލަށް ރާއްޖޭގެ ރިޒާވްގައި 708.1 މިލިއަން ޑޮލަރު ހުރިކަމަށް ވެއެވެ. މިއީ މިދިޔަ ޑިސެމްބަރު މަހާއި އަޅާބަލާއިރު 5 އިންސައްތައިގެ އިތުރުވުމެކެވެ.
ރިޒާވް މައްޗަށް ދިއުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި އެމްއެމްއޭއިން ފާހަގަކޮށްފައިވަނީ ބޭރު ފައިސާ މާރުކުރުމަށް ޤާނޫނުން ގެނައި ބަދަލުތަކާއި ގުޅިގެން ބޭރު ފައިސާގެ އަދަދު އިތުރުވެފައިވާތީ އާއި ޚަރަދު ކުޑަ ކުރުމަށްނސަރުކާރުން އެޅި ފިޔަވަޅުތަކެވެ.
ޖެނުއަރީ މަހު ޓެކުހާއި ފީގެ ގޮތުގައި ސަރުކާރަށް ލިބުނު ބޭރު ފައިސާގެ މިންވަރު ޑިސެމްބަރު މަހާއި އަޅާބަލާއިރު 12 އިންސައްތަ އިތުރުވެފައި ވާކަމަށް އެމްއެމްއޭއިން ބުނެއެވެ.
ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވަނީ މިދިޔައަހަރު ނިމުނުއިރު ދައުލަތުގެ ރަސްމީ ރިޒާވްގައި 673.2 މިލިއަން އެމެރިކާ ޑޮލަރު ހުރިކަމަށެވެ. އަދި މިއަހަރު ނިމޭއިރު ރާއްޖޭގެ ރިޒާވް 705.1 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން، މިއަހަރު ރާއްޖޭގެ އިޤްތިޞާދު 6.4 އިންސައްތަ ކުރިއަރާނެކަމަށް އަންދާޒާ ކުރައްވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.