ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރަސްމީ ދަތުރުފުޅެއްގައި މިއަދު އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖައްސަވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން ރިޔާސަތުގައި އިންނެވި އަބްދުއްރަހީމް ވިދާޅުވީ ރަސްމީ ދަތުރުފުޅެއްގައި މިއަދު އިންޑިއާއަށް ފުރާވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށެވެ.
އެހެންވެ، މަޖިލީހުގެ ރިޔާސަތު ވަނީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އާއި ހަވާލުކުރައްވައިފައެވެ.
މިއީ މަޖިލީހުގެ ރައީސްކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން އަބްދުއްރަހީމް އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
އަބްދުއްރަހީމް އިންޑިއާއަށް ވަޑައިގަންނަވަނީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ކަމަށްވާ ލޮކްސަބާގެ ރައީސް ޝްރީ އޯމް ބިރްލާގެ ދައުވަތަކަށެވެ.
އިންޑިއާގެ ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި މަޖިލީހުގެ ވަފުދަކާއި އެކު އަަބްދުއްރަހީމް އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ ހަތަރު ދުވަހުގެ ދަތުރުފުޅެކެވެ.
މިއީ އިންޑިއާއިން އަވަށްޓެރި ގައުމުތަކަށް އިސްކަން ދިނުމަށް ގެންގުޅޭ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން އެހެން ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކާއި ގުޅުން ބަދަހިކުރުމުގެ ގޮތުން ކުރާ ދަތުރެއް ކަމަށް ވެސް އިންޑިއާ ސަރުކާރުން ބުންޏެވެ.