ހައުސިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނުގެ ޕާސްޕޯޓު ހިފެހެއްޓުމާއި ގުޅޭ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފިއެވެ.
އެ މައްސަލަ ހައިކޯޓުން ބޭރުކޮށްލީ އެ ކޯޓުގެ ރަޖިސްޓްރާއެވެ.
މިދިޔަ ސަރުކާރުގެ "ބިންވެރިޔާ ސްކީމު" ގައި އިސްކޮށް އުޅުނު ހަތަރު މީހެއްގެ ތެރޭގައި ހިމެނޭ އަކްރަމްގެ ޕާސްޕޯޓު ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރުނީ ޑިސެމްބަރު 20 ވަނަ ދުވަހުއެވެ. އެއް މަސްދުވަހުގެ މުއްދަތަށް ނެރުނު މި އަމުރުގެ މުއްދަތު ހަމަވުމާއެކު، ކްރިމިނަލް ކޯޓުން ވަނީ ހުސްވި ޖަނަވަރީ 19 އިން ފެބްރުއަރީ 18 އަށް އަކްރަމްގެ ފުރުން މަނާކޮށް އިތުރު އަމުރެއް ނެރެފައެވެ.
އަކްރަމްގެ ފަރާތުން މި މައްސަލަ ހައިކޯޓަށް އިސްތިއުނާފުކުރި ނަމަވެސް، ހައިކޯޓުގެ ރަޖިސްޓްރާ ވަނީ މައްސަލަ ބަލައިނުގަނެ ބޭރުކޮށްލާފައެވެ. އަކްރަމް އިސްތިއުނާފަށް ހުށަހެޅީ ދެވަނަ ފަހަރަށް ޕާސްޕޯޓު ހިފެހެއްޓުމަށް ނެރުނު އަމުރެވެ.
އަކްރަމްގެ ފަރާތުން ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އޭނާއަކީ ކުރިން އެއްވެސް އިރެއްގައި ތަޙުޤީޤަކަށް ނުވަތަ ޝަރީޢަތަކަށް ފިލައިގެން ގޮސްފައިވާ މީހެއް ނޫން ކަމަށާއި، އޭނާއަކީ ސިޔާސީ މީހެއްގެ ގޮތުގައި ފާޅުގައި ޖަވާބުދާރީ ވަމުންދާ ފަރާތެއް ކަމަށެވެ. އަދި މައްސަލައިގެ ތަޙުޤީޤަށް އެއް އަހަރު ވެގެންދާއިރު، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަށް ބާރުލިބޭ އެކަށީގެންވާ ހެކި ނެތް ކަމަށް ވެސް ބަޔާންކޮށްފައި ވެއެވެ.
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަކްރަމްގެ ޕާސްޕޯޓު ހިފެހެއްޓުމަށް އެދި ހުށަހެޅި ހުށަހެޅުމުގައި، އޭނާގެ ބޭންކް ސްޓޭޓްމަންޓްތަކާއި ރާއްޖެއިން ބޭރަށް ކޮށްފައިވާ ދަތުރުތަކުގެ ތަފްސީލް ތަކަކީ ބޭރަށް ދިއުމުގެ ޤާބިލުކަން ހުރިކަމުގެ ހެކިތަކެއް ކަމަށް ބުނެފައި ވެއެވެ. ނަމަވެސް އަކްރަމް ވިދާޅުވެފައި ވަނީ މިއީ އޭނާ ތަޙުޤީޤަށް އެއްބާރުލުން ނުދީ ރާއްޖެއިން ބޭރަށް ފިލައިގެން ދާން އުޅޭކަން ސާބިތުކޮށްދޭ ހެއްކެއް ނޫން ކަމަށެވެ.