ބޮލީވުޑްގެ އެންމެ މަޝްހޫރު ތަރިއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ޝާހްރުކް ޚާން ހިމަނައިގެން ހަދާފައިވާ ފިލްމު "މޭ ހޫ ނާ" ގެ ސީކުއެލްއެއް ހެދުމަށް ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުތަކުން ހާމަކޮށްފިއެވެ.
މި ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި، ދެވަނަ ބައިގެ ވާހަކަ ކުރިއަށް ގެންދާނެ ގޮތެއް މަޝްހޫރު ކޮރިއޯގްރާފަރ އަދި ފިލްމްމޭކަރ ފަރާ ޚާން މިހާރު ދަނީ ރާވަމުންނެވެ. މީގެ އިތުރުން، ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް ވެސް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
"މޭ ހޫ ނާ 2" ގެ ނަމުގައި ހެދުމަށް ރޭވިފައިވާ މި ފިލްމު ޕްރޮޑިއުސްކުރާނީ ޝާހްރުކް ޚާންގެ ފިލްމު ކުންފުނި ރެޑް ޗިލީސް އެންޓަޓެއިންމަންޓުން ކަމަށް ވެސް ރިޕޯޓުތަކުގައި ބުނެފައި ވެއެވެ.
ފުރަތަމަ "މޭ ހޫ ނާ" އަކީ 2004 ވަނަ އަހަރު ރިލީޒް ކުރެވުނު، ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލުކަމެއް ލިބުނު ފިލްމެކެވެ. މި ފިލްމުގެ ކާސްޓްގައި ޝާހްރުކް ޚާންގެ އިތުރުން ސުޝްމިތާ ސެން، ޒައިދު ޚާން އަދި އަމްރިތާ ރާއޯ ވެސް ހިމެނުނެވެ.
ފަރާ ޚާން އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ ޝާހްރުކް ޚާނާއި ދީޕިކާ ޕަދުކޯނާޕަދުކޯނާ އެކު 2014 ވަނަ އަހަރު ގެނެސްދިން "ހެޕީ ނިއު އިޔަރ" އެވެ. އޭނާ ޑައިރެކްޓްކުރި އެހެން މަޝްހޫރު ފިލްމުތަކުގެ ތެރޭގައި 2007 ވަނަ އަހަރުގެ "އޯމް ޝާންތީ އޯމް" އާއި 2010 ވަނަ އަހަރުގެ "ތީސް މާރް ޚާން" ހިމެނެއެވެ.
ފަރާ ޚާން ފިލްމު ޑައިރެކްޓް ކުރާތާ ގިނަ އަހަރުތަކެއް ވެފައިވާއިރު، 2019 ވަނަ އަހަރު އޭނާ ވަނީ ޑައިރެކްޓަރު ރޯހިތު ޝެޓީގެ ފިލްމު ކުންފުންޏަށް ފިލްމެއް ހެދުމަށް އެއްބަސްވެފައެވެ. ނަމަވެސް މިހާތަނަށް އެ ފިލްމުގެ މަސައްކަތެއް ފެށިފައެއް ނުވެއެވެ.
"މޭ ހޫ ނާ 2" ގެ އިތުރު ތަފްސީލުތައް އަދި ހާމަކޮށްފައި ނުވިނަމަވެސް، ބޮލީވުޑްގެ ގިނަ ފޭނުން މި ޚަބަރާ ގުޅިގެން އުފާވެފައިވާކަން ފާހަގަކުރެވެއެވެ. ފިލްމުގެ ރަސްމީ އިޢުލާނެއް ކުރާނެ ތާރީޚެއް އަދި ކަނޑައަޅާފައި ނުވާކަން ފާހަގަކުރެވެއެވެ.