އޯޓިޒަމް ކުދިންނާއި މެދު މުޖުތަމަޢުގައި އޮންނަ ކުށް ހީތައް ފިލުވައިލުމަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް، ފަސްޓް ލޭޑީ މެޑަމް ސާޖިދާ ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގައި ހުންނަ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގައި އިއްޔެ ރޭ ބޭއްވުނު ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވީ، ކުއްޖެއްގެ ކިބައިގައި ހުރި ތަފާތު ކަމަކާއެކު އެކުއްޖަކު ބަލައިގަންނަން ޖެހޭ ކަމަށާއި، މުޖްތަމަޢުގެ ހުރިހާ ގިންތިއަކުން އެކުދިންނަށް ލިބިދޭންޖެހޭ އެއްބާރުލުން ހޯދައިދީ، އަމިއްލަ ޙައްޤުތަކަށް ވަކާލާތު ކުރުމުގެ ފުރުސަތު ލިބިދޭ ފަދަ މާޙައުލެއް ޤާއިމްކުރަން ޖެހޭ ކަމަށެވެ.
އެކަމަނާގެ ވާހަކަފުޅުގައި، އޯޓިޒަމްގެ އެކި މައްސަލަތަކާއި އެކުވެސް ދިރިއުޅުން ކާމިޔާބު ކުރި އަދި މިހާރު ވެސް ދިރިއުޅުން ކާމިޔާބު ކަމާއެކު ކުރިޔަށް ގެންދާ އެތައް ޝަޚްޞިއްޔަތެއް ފާހަގަކުރެވޭ ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން އެއްވެސް ކުއްޖެއްގެ ކިބައިން އޯޓިޒަމްގެ އަލާމާތެއް ފެނުމުން މާޔޫސް ނުވުމަށް ބާރުއަޅުއްވައި، އެ ކުއްޖާގެ ހުރި ޤާބިލުކަމެއް ދެނެގަނެ، އެ ރޮނގުން ފުރުޞަތުތައް މަގުފަހި ކޮށްދިނުމަށް އެކަމަނާ ގޮވާލެއްވިއެވެ.
މި ރަސްމިއްޔާތުގައި މެޑަމް ސާޖިދާ ވަނީ މިސަރުކާރުގެ އިޖުތިމާޢީ ޢަދުލުގެ ސިޔާސަތުގެ ތެރެއިން އޯޓިޒަމް ކުދިންނަށް އިސްކަން ދެއްވާކަން ފާހަގަ ކުރައްވައި،، ވަޒީފާގެ މާހައުލުން ވެސް މި ފަދަ ކުދީންނަށް ޖާގަ ފަހިކޮށްދޭން ސަރުކާރުން ނިންމަވާފައި ވާކަން ހާމަކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައި ވެއެވެ.