ފްލޯޓިން ސޯލާ ސިޓީ ތަރައްޤީ ކުރެވުމުން ދައުލަތުން ކަރަންޓަށް ޚަރަދުކުރާ ފައިސާގެ ތެރެއިން އަހަރަކު 43 މިލިއަން ޑޮލަރު ސަލާމަތްކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ސަޢީދު ވިދާޅުވި ގޮތުގައި، މާލެ ކައިރީގައި 100 މެގަވޮޓަށްވުރެ ގިނަ ސޯލާ ޕެނަލް މޫދުގައި އަތުރާލައި ސޯލާ ސިޓީއެއްގެ ގޮތުގައި ސްޕްރެޑެއް ހެދުމަށް މަޝްވަރާ ކޮށްފައި ވެއެވެ. މި ސޯލާ ސިޓީއިން އުފައްދާ ކަރަންޓުން ގާތްގަނޑަކަށް އަހަރަކު 43 މިލިއަން ޑޮލަރު ސަލާމަތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މަޝްރޫޢަކީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ޤާނޫނުގެ ދަށުން ހިންގޭ ފުރަތަމަ ޕްރޮޖެކްޓެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މި އަހަރުގެ މެދުތެރޭގައި ފަށައި، 2027 ވަނަ އަހަރުގެ ތެރޭގައި ނިންމައި، އޭގެ ނަފާ ލިބެން ފަށާނެ ކަމަށެވެ.
ގާތްގަނޑަކަށް 1.6 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވޭ މި ޕްރޮޖެކްޓުގެ ފުރަތަމަ މަރުޙަލާގެ ހުއްދަ ކެނެޑާގެ އެބްރަކްސަސް ޕަވަރ ކޯޕަރޭޝަނަށް މިދިޔަ އަހަރުގެ އެޕްރީލް މަހު ދީފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ސަޢީދު ވިދާޅުވީ މި ސަރުކާރުން ވެރިކަމާއި ޙަވާލުވިއިރު ޤައުމު އޮތީ މާލީ އަނދަވަޅެއްގެ ތެރޭގައި ކަމަށެވެ. ނަމަވެސް، ރައީސްގެ އިރުޝާދާއެކު ފިނޭންސް މިނިސްޓްރީން ކުރެއްވި މަސައްކަތުގެ ނަތީޖާއަކީ ޤައުމު ނުދަރާ އޮތުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ