ކުރީގެ ރައީސް އަބްދުﷲ ޔާމީނު ހިންގާފައިވާ ޖަރީމާތައް އޮއްބަން އުޅޭ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާޙް ތުހުމަތު ކުރައްވައިފިއެވެ..
ކުރެއްވި އެކްސް ޕޯސްޓެއްގައި މެންބަރު ވިދާޅުވީ ޔާމީނާއި އިންސާފް އަރައި ހަމަކުރާނެ ކަމަށެވެ. ފަލާހު މިހެން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ސިޔާސީ ޕާޓީގެ ތެރެއިން މަނީ ލޯންޑަރިންގ ކުރާ ހަމައެކަނި ރައީސް ކަމަށް ޔާމީން ވިދާޅުވުމާއި ގުޅިގެންނެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ، ރައީސް މުއިއްޒަކީ މި ޤައުމު ދުށް އެންމެ އަމާނާތްތެރި ރައީސް ކަމަށާއި، ޔާމީނަކީ މިފަހުގެ ތާރީޚުގައި މި ޤައުމު ދުށް އެންމެ މަކަރުވެރި، ޚިޔާނާތްތެރިޔާ ކަމަށެވެ. އަދި ކުރެއްވި ކަންކަން އޮއްބާލަން ނޫޅުއްވުމަށް ފަލާހު ވަނީ ޔާމީނަށް ގޮވާލައްވާފައެވެ.
"ކުރެއްވި ކަންކަން އޮއްބާލަން ނޫޅުއްވާ. އިންސާފު އަރާ ހަމަ ކުރާނެ،" ފަލާހު ވިދާޅުވިއެވެ.
މި ބަހުސް ހޫނުވަމުން އަންނަނީ، އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލައާއި ގުޅިގެން ޔާމީންގެ މައްޗަށް ތަފާތު އެކި ދަޢުވާތަކެއް އުފުލާފައިވާ ދަނޑިވަޅެއްގައެވެ. މި މައްސަލައިގައި އިންސާފު ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ޔާމީންގެ ފަރާތުން އަންނަނީ މި ތުހުމަތުތައް ދޮގުކުރަމުންނެވެ.