މޫސުމީ ބަދަލުތަކަށާއި ޤުދުރަތީ ކާރިސާތަަކަށް ވިލުންތެރި ދަނޑުވެރިކަމެއް ކުރުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި އިސްލާމިކް އޯގަނައިޒޭޝަން ފޮރ ފުޑް ސެކިއުރިޓީ (އައިއޯއެފްއެސް) ގުޅިގެން ކުރިއަށްދާ ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަށް، މޫސުމީ ބަދަލުތަކަށް ވިލުންތެރި ދަނޑުވެރިކަމެއްކުރުމާ ބެހޭ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި މެޑަމް ސާޖިދާ ވިދާޅުވީ ދިވެހިން ބޭނުންކުރާ ކާބޯތަކެތީގެ 90 އިންސައްތަ އެތެރެކުރަނީ ރާއްޖެއިން ބޭރުން ކަމަށެވެ. އަދި ކޯވިޑު-19ގެ ދުވަސްވަރު ކާބޯތަކެތި ސަޕްލައި ކުރުމަށް ދިމާވި ދަތިތަކާއެކު ކާބޯތަކެތީގެ ޔަޤީންކަން އިތުރުކުރުމަށް ރާއްޖޭގައި ދަނޑު ހެއްދުމުގެ މުހިންމުކަން ފާހަގަވި ކަމަށް އެކަމަނާ ވިދާޅުވިއެވެ.
މެޑަމް ސާޖިދާ އިތުރަށް ވިދާޅުވީ ދިވެހި ދަނޑުވެރިކަމަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ގިނަ ދަތިތައް ކުރިމަތިވާ ކަމަށެވެ. އޭގެ ތެރޭގައި މީރު ފެން ފަށަލަ ލޮނުވުމާއި ދުނިޔެ ހޫނުވުން ފަދަ ކަންކަން ހިމެނެއެވެ. މިފަދަ މޫސުމީ ބަދަލު ތަކުގެ ސަބަބުން ކުރިމަތިވާ ދަތިތަކާއި ޤުދުރަތީ ކާރިސާ ތަކުން ދިމާވާ ދަތިތަކުން އަރައިގަތުމަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި މިކަންކަމަށް ވިލުންތެރި ދަނޑުވެރި ނިޒާމެއް ޤާއިމް ކުރަންޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ދަނޑުވެރިންނަށް މާކެޓު ހޯދައިދިނުމުގެ މުހިންމު ކަމުގެ މައްޗަށް ވެސް މެޑަމް ސާޖިދާ އަލިއަޅުއްވާލެއްވިއެވެ.
ރާއްޖެއަކީ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ޤައުމަކަށް ވުމާއެކު، ޑިމާންޑު އޮންނަ މާކެޓުތަކަށް ކާބޯތަކެތީގެ އުފެއްދުންތައް ވާޞިލު ކުރުމުގައި ދަތިތައް ދިމާވާ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަމުގެ އުފެއްދުންތަކަށް މާކެޓު ހޯދޭނެ ގޮތްތަކެއް ޤާއިމްކުރަން ޖެހޭކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްޓަވާފައިވާ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމަކީ، ކާބޯތަކެތީގެ ޔަޤީންކަން އިތުރު ކުރުމަށާއި ދަނޑުވެރިކަމަށް އެމަނިކުފާނު ދެއްވާ އަހަންމިއްޔަތު ހާމަވާ ކަމެއް ކަމަށް މެޑަމް ސާޖިދާ ފާހަގަކުރެއްވިއެވެ.
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން ރާއްޖެއަށް ދީފައިވާ 21.95 މިލިޔަން ޑޮލަރުގެ އެހީގެ ދަށުން ރާއްޖޭގައި ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުކުރުމަށް މަސައްކަތްތަކެއް ކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މި މަޝްރޫޢުގެ ދަށުން ކާބޯތަކެތީގެ ނިޒާމުގެ ދެމެހެއްޓެނިކަން ހޯދުމަށް ކްލައިމެޓް ސްމާޓް އަރބަން ފާމިންގެ ވަސީލަތްތައް ރާއްޖެއަށް ތަޢާރަފްކޮށް، އެ ވަސީލަތްތައް ބޭނުންކުރާނެ ގޮތް ހއ. އަތޮޅާއި އައްޑޫ ސިޓީގެ ރައްޔިތުންނަށް ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތް ބޭފުޅުންގެ ތެރޭގައި ސަރުކާރުގެ އިސް ވެރިންނާއި، ދަނޑުވެރިކަމުގެ ދާއިރާގެ މާހިރުން، އަދި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ މަންދޫބުން ހިމެނެއެވެ. މި ކޮންފަރެންސްގައި މޫސުމީ ބަދަލުތަކަށް ވިލުންތެރި ދަނޑުވެރިކަމުގެ އާ ޓެކްނޮލޮޖީ ތަކާއި، ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ އުކުޅުތަކާއި ބެހޭގޮތުން މަޝްވަރާ ކުރެވޭނެއެވެ.