މިއަހަރު އިތުރު 80 ރެސްކިއު ޑައިވަރުން ތަމްރީނުކުރެވޭނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިއީ މަސްވެރިކަން ކުރާ ކޮންމެ ދޯންޏެއްގައި ފީނުމުގެ ތަމްރީން ލިބިފައިވާ ފަޅުވެރިއެއް ބެހެއްޓުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ބައެކެވެ. މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.
ވަޒީރު ޝިޔާމްޔާމް ވިދާޅުވި ގޮތުގައި މި މަސައްކަތް ކުރުމަށް މިއަހަރުގެ ބަޖެޓުގައިވެސް ހިމަނާފައިވެއެވެ. އަދި މަދުވެގެން 3 އަހަރު ތެރޭގައި ދިވެހިރާއްޖޭގެ މަސްވެރި ފްލީޓުގައި މަދުވެގެން އެއް ޑައިވަރެއް ބެހެއްޓުމަށް އަމާޒުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
މިދިޔަ އަހަރު މި ޕްރޮގްރާމުގެ ދަށުން 56 ފަޅުވެރިން ތަމްރީނު ފުރިހަމަކޮށްފައިވެއެވެ. މި ޕްރޮގްރާމުގެ ތެރެއިން އޯޕަން ވޯޓަރ ޑައިވިން، އެޑްވާންސް ލެވެލް އަދި ފަސްޓް އެއިޑްގެ ކަންކަން ކިޔަވައިދީ، ތަމްރީނުކު ރެވެއެވެ.
މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ތަމްރީނެއް ނެތި ފުޅި އަޅައިގެން ފީނާ ފަރާތްތަކަށް އަޑިއަށް ފީނުމުގެ ސަބަބުން ދިމާވާ އެކިއެކި ހާދިސާތައް މަދުކުރުމެވެ. މީގެ ސަބަބުން ފީނުމުގެ ރައްކާތެރިކަން ކަށަވަރުކުރެވި، މިފަދަ ހާދިސާތަކުގައި ފުރާނައަށް ނުރައްކާވާ މިންވަރު މަދުކުރެވޭނެ ކަމަށް ސަރުކާރުން ބުނެފައި ވެއެވެ.