މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އުޅަނދުތަކަށް ތެޔޮ އެޅޭނެ އިންތިޒާމްތަކާއި މުދާ ގެނެސް އީ-އެކްސްޕޯޓްކުރުމުގެ ޚިދުމަތް ލިބޭނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ހއ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައެވެ.
ރާއްޖޭގެ އިޤްތިޞާދުގެ އެންމެ ބޮޑު އެއް މަޝްރޫޢުކަމަށްވާ އިހަވަންދިއްޕޮޅުގައި ތަރައްޤީކުރާ މި މަޝްރޫޢާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ސަޢީދު ވިދާޅުވީ، މިހާރު ކުރިއަށްދަނީ ފީޒިބިލިޓީ ހެދުމުގެ މަސައްކަތްކަމަށެވެ. ބައިނަލްއަޤްވާމީ ބައެއް ކޮންސަލްޓަންޓުންގެ މަސައްކަތް ބަލައި ރާއްޖޭގެ ބައެއް ދިރާސާތައް ކުރަމުންދާ ކަމަށާއި، މިހާރު މި ޕްރޮޖެކްޓަށް ޕްރޮޖެކްޓް މެނޭޖްމަންޓެއް ނަގައިގެން މަސައްކަތް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ޕްރޮޖެކްޓް މެނޭޖްމަންޓެއް ނަގާފައި އެއޮތީ. ދެން އޮންނާނެ ހަރަކާތަކީ ރައީސް އެ ވިދާޅުވިގޮތައް ރައީސްގެ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ ވިޝަންއާއި އެއްގޮތައް މިއަހަރުގެ ތެރޭގައި އެ މަސައްކަތް ފެށުން. އަޅުގަނޑުމެން މި އަންދާޒާ ކުރަނީ މިއަހަރުގެ މެދުތެރޭގައި ޕްރެކްޓިކަލީ މަސައްކަތް ފެށޭނެ ގޮތަކަށް ކަންކަން ކުރުން. އެއީ މި ސަރަހައްދުގެ ތަރައްޤީއަށް އެންމެ ބޮޑަށް ގުޅިފައިވާ ކަންތައް" ވަޒީރު ސަޢީދު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. މި ޕްރޮޖެކްޓުގެ ތެރޭގައި ބައިނަލްއަޤްވާމީ ޕޯޓު ފެސިލިޓީތަކާއި، ބޯޓު މަރާމާތުކުރުމުގެ ޚިދުމަތާއި، ބަންކަރިންގ ޚިދުމަތާއި، ކުރޫޒު ޓޫރިޒަމެއް ތަރައްޤީކުރުމާއި ފަތުރުވެރިކަމާއި ގުޅުންހުރި އިތުރު މަސައްކަތްތަކާއި، ރިއަލް އެސްޓޭޓުގެ ވިޔަފާރިއާއި، އެކްސްޕޯޓު ޕްރޮސެސިންގ ޒޯނެއް ވެސް ތަރައްޤީކުރުން ހިމެނެއެވެ.