ކަނދުފަތީގެ ޑިޒައިނަށް ގެންނަ ބަދަލާއިއެކު ދުރުގައި ތިބެގެން މަސް ހުރިކަން ދެނެގަނެވޭނެ: ވަޒީރު ޝިޔާމް

އައިޝަތު ރުވާ ރިފްޢަތު | 43 ދުވަސް ކުރިން - 12:12
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް
ޚުލާސާ

ރާއްޖޭގައި މިވަގުތު ބޭނުންކުރާ ކަނދުފަތިތަކަކީ 40 އަހަރު ކުރީގެ ޑިޒައިނެއްކަމަށާއި، މި ޓެކްނޮލޮޖީ ބަދަލުކުރަން ޖެހިފައިވާ ކަމަށް ވަޒީރު ޝިޔާމް ވިދާޅުވި.

ރާއްޖޭގައި ބޭނުންކުރާ ކަނދުފަތީގެ ޑިޒައިނަ ގެންނަ ބަދަލާއިއެކު ދުރުގައި ތިބެގެން ކަނދުފަތީގައި މަސް ހުރިކަން ނުވަތަ ނެތްކަން އިނގޭނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، ރާއްޖޭގައި މިވަގުތު ބޭނުންކުރާ ކަނދުފަތި ތަކަކީ 40 އަހަރު ކުރީގެ ޑިޒައިނެއް ކަމަށާއި، މި ޓެކްނޮލޮޖީ ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ.

"ދުނިޔޭގެ ބައެއް އެހެން ޤައުމުތަކުގައި އަޅުގަނޑުމެންނަށް މި ފެންނަނީ ކަނދުފަތި ތަކުގައި މަސް އަޅާ މިންވަރު މާދުރުގައި ތިބެގެން އެބަ ބަލާލެވޭ. މިހާރު އަޅުގަނޑުމެންގެ ހަރުކުރެވިފައިވާ ކަނދުފަތި ތަކުގައި އެފަދަ ޓެކްނޮލޮޖީއެއް ނެތް," ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަން (އެފްއޭއޯ) ގެ އެހީތެރިކަމާއި އެކު ކަނދުފަތީގެ ޑިޒައިންއަށް މިހާރު ބަދަލުގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މި ބަދަލާއިއެކު މަސްވެރިންނަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށާއި، ތެލަށް ހޭދަކުރާ މިންވަރު ވެސް ކުޑަކުރެވޭނެކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގައި އަޅާފައިވާ ކަނދުފައްޗަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އޮއިވަރު ބަދަލުވެ މޫސުމަށް އަންނަ ބަދަލުތަކާއި އެކު ކަނދުފަތި އަވަހަށް ކަނޑައިގެން ދިއުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މިވަގުތު ރާއްޖޭގައި ދޮށީގެ މަސްވެރިކަމަށް އަޅާފައިވާ 65 ކަނދުފައްޗާއި ސްޕޯރޓްސް ފިޝިންއަށް އާޅާފައިވާ 26 ކަނދުފަތި އެބައޮތެވެ.

ކަނދުފައްޗަކީ މަސްވެރިން ވަރަށް ބޮޑަށް ބަރޯސާވާ އާލާތަކަށްވާއިރު، ކަނދުފައްޗެއް ކަނޑައިގެން ދިއުމުން އޭގެ އުނދަގޫ މަސްވެރިންނަށް ވަރަށް ބޮޑަށް ކުރާކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކަނދުފައްޗަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.           

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%