ހއ. ތަކަންދޫގެ ބަނދަރާއި ސްކޫލާއި އަދި ޞިއްޙީ މަރުކަޒު އިތުރަށް ތަރައްޤީ ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މިއަދު ތަކަންދޫއަށް ކުރެއްވި ދަތުރުފުޅެއްގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ތަކަންދޫގެ އާބާދީ ކުޑަ ނަމަވެސް، އެ ރަށަކީ ތާރީޚީ ގޮތުން މުއްސަނދި ރަށެއް ކަމަށާއި، އެ ރަށުގެ ކަންކަން ކޮށްދިނުމުގައި އިސްކަން ދެއްވަނީ ތާރީޚީ މުއްސަނދިކަން ފުޅާކޮށް، މުޅި ރާއްޖޭގެ އައިޑެންޓިޓީ ހިމާޔަތްކުރުމަށް ކަމަށެވެ.
"ތަޢުލީމީ ގޮތުން ކިތަންމެ ކުދިން މަދަސް، އަޅުގަނޑުމެންގެ އޮންނަ ސިޔާސަތަކީ އެ ރަށެއްގައި ރައްޔިތުން ދިރިއުޅޭހާ ހިނދެއްގައި އެ ރަށެއްގައި އުޅޭ ކުދިންނަށް ދޭންޖެހޭ ހުރިހާ ޚިދުމަތްތަކެއް އެންމެ ރަނގަޅަށް ފޯރުކޮށްދިނުން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސްކޫލަށް ބޭނުންވާ ކަންކަން ކުރިއަށް އޮތް ދުވަސްތަކުގައި އެޑިއުކޭޝަން މިނިސްޓަރާއި ސްކޫލާއި ކައުންސިލާ ގުޅިގެން ރޭވިގެންދާނެ ކަމަށެވެ. އަދި ޞިއްޙީ މަރުކަޒަށް ބޭނުންވާ ކަންކަން ވެސް އެބަހުރި ކަމަށާއި، ސްކޫލާއި ޞިއްޙީ މަރުކަޒުގައި ވެސް ޖާގައިގެ މައްސަލައާއި ވަސީލަތްތައް ނެތުމުގެ މައްސަލަ އެބައޮތް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މި ކަންކަމަށް ކުރިއަށް އޮތްތަނުގައި ޙައްލެއް ގެނެސްދެއްވާނެ ކަމަށް ރައީސް ވަޢުދުވެވަޑައިގަތެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ބަނދަރުގެ ޖާގައިގެ މައްސަލަ ޙައްލުކުރުމާއި ފެރީގެ މައްސަލަ ޙައްލުވެގެން ދިއުމުން ވަރަށް ގިނަ ކަންކަމުގައި ފަސޭހަ ލިބިގެންދާނެ ކަމަށެވެ. އަދި މި އަހަރު ނިމޭއިރު ހުރިހާ ރަށެއްގައި އޭޓީއެމް ޤާއިމްކުރެވޭނެ ކަމަށާއި، މިއީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމުގައި ވެސް ރައީސް ފާހަގަކުރެއްވިއެވެ.