ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހއ. ތަކަންދޫގައި ސަރުކާރުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އައު ކައުންސިލް އިމާރާތުގެ ބިންގާ އަޅުއްވައި، ފުލުހުންގެ މަރުކަޒު ހުޅުވައިފިއެވެ.
ތަކަންދޫ ފުލުހުންގެ މަރުކަޒު ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށެވެ. މި ރަސްމިއްޔާތުގައި ދާޚިލީ ވަޒީރު ޢަލީ އިޙްސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއުގެ އިތުރުން އެ ރަށުގެ ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ފުލުހުންގެ މަރުކަޒު ހުޅުއްވައިދެއްވުމަށް ފަހު ރައީސް ވަނީ އެތަނުގެ ދިދަވެސް ނަންގަވައިދެއްވާފައެވެ.
އަދި ތަކަންދޫ ކައުންސިލް އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރެވެ.
ތަކަންދޫގައި އައު ކައުންސިލް އިމާރާތުގެ ބިންގާ އެޅުން/ ފޮޓޯ: ރައީސް އޮފީސް
މި ދެ މަޝްރޫޢަކީ ރާއްޖޭގެ ހުރިހާ ރަށްރަށަކަށް ފުލުހުންގެ ޚިދުމަތް ފުޅާކުރެއްވުމަށާއި ކައުންސިލްތަކުގެ ޖާގައިގެ ދަތިކަން ހައްލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފެށި މަޝްރޫޢުތަކެކެވެ.
ފުލުހުންގެ ޚިދުމަތާއި ގުޅޭގޮތުން ސަރުކާރުގެ އަމާޒަކީ 2026 ވަނަ އަހަރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފެށުމެވެ. މިހާތަނަށް ފާއިތުވި 1 އަހަރު ދުވަހުގެ ތެރޭގައި 23 ރަށެއްގައި ފުލުހުންގެ ޕޯސްޓްތައް ހުޅުވައި، ޚިދުމަތްތައް ދޭން ވަނީ ފަށާފައެވެ.
މީގެ އިތުރުން، ހާލަތު ދަށް 55 ރަށެއްގެ ކައުންސިލް އައު އިމާރާތް އެޅުމަށް މެލޭޝިއާގެ ކުންފުންޏެއްކަމަށްވާ ހެކްސްޓަރ ގްލޯބަލް އާއި ސަރުކާރުން ވަނީ ހަވާލުކޮށްފައެވެ. އަދި ޗައިނާ ސަރުކާރުގެ އެހީއާއެކު 50 ކައުންސިލެއްގެ އިމާރާތް ތަރައްޤީކުރެއްވުމަށް ވެސް ސަރުކާރުންވަނީ ނިންމަވާފައެވެ.
ސަރުކާރުގެ އަމާޒަކީ ހާލަތު ދަށްކޮށް ހުރި ހުރިހާ ރަށެއްގެ ކައުންސިލް އިދާރާތަކަށް މިދައުރުގެ ތެރޭގައި އައު އިމާރާތްތައް ޤާއިމުކޮށްދެއްވުމެވެ. މިހާތަނަށް 105 ރަށެއްގެ ކައުންސިލް އިމާރާތްކުރުމަށް އިޢުލާން ކޮށްފައި ވާއިރު، މި މަސައްކަތްތައް ނިމުމުން ޖުމްލަކޮށް 70 ޕަސަންޓް ކައުންސިލްގެ ޖާގައިގެ މައްސަލައަށް ހައްލު ލިބޭނެކަމަށް ސަރުކާރުން ބުނެއެވެ.