ރޯދަ މަހުގެ ކުރިން ތަކަންދޫ އާއި މާރެންދޫއަށް އާރްޓީއެލްގެ ޚިދުމަތް ފަށާނެ: ރައީސް

އައިޝަތު ރުވާ ރިފްޢަތު | 63 ދުވަސް ކުރިން - 12:34
ރައީސް ތަކަންދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ރައީސް ތަކަންދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ދަތުރުފަތުރުކުރުމުގައި ތަކަންދޫ ރައްޔިތުން ތަޙައްމަލުކުރަން ޖެހޭ ދަތިތަކަށް ޙައްލެއް ގެނައުމުގެ ގޮތުން މި ނިންމުން ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވި.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހއ. ތަކަންދޫއަށް ކުރެއްވި ދަތުރުފުޅުގައި، ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން ހއ. ތަކަންދޫ އާއި އެ އަތޮޅު މާރެންދޫއަށް އާރްޓީއެލްގެ ޚިދުމަތް ފަށްޓަވައިދެއްވާނެ ކަމަށް އިޢުލާންކުރައްވައިފިއެވެ.

ތަކަންދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދަތުރުފަތުރުކުރުމުގައި ތަކަންދޫ ރައްޔިތުން ތަޙައްމަލުކުރަން ޖެހޭ ދަތިތަކަށް ޙައްލެއް ގެނައުމުގެ ގޮތުން މި ނިންމުން ނިންމަވާފައިވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ރޯދަ މަހުގެ ކުރިން މަތިބިތުން ދަތުރުކުރާ އާރްޓީއެލް ފެރީ ތަކަންދޫ އަށާއި މާރެންދޫއަށް މަޑުކޮށްފައިވާ ގޮތަށް އިންތިޒާމް ހަމަޖެހިގެންދާނެ. އޭރުން ތިބޭފުޅުންނަށް ބޮޑުތަނުން ފަސޭހަވާނެ،" ރައީސް ވިދާޅުވިއެވެ.

މި ބަދަލާއެކު، ރައްޔިތުންނަށް ކުރިމަތިވެފައިވާ ގިނަ ދަތިތަކަކަށް ޙައްލު ލިބި، ވަގުތު ސަލާމަތްވެގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އޭގެއިތުރުން، ރައީސް ވަނީ ތަކަންދޫގައި ފަތުރުވެރިކަން ތަރައްޤީކުރުމުގެ ވިސްނުންފުޅު ހާމަކުރައްވާފައެވެ. ޡަޤާފީ ފަތުރުވެރިކަމާއި ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ސަރުކާރުން އިސްކަންދޭ ކަމަށާއި، މިކަމަކީ ދެމެހެއްޓެނިވި ގޮތެއްގައި ރަށުގެ އިޤްތިޞާދު ކުރިއެރުވުމަށް މުހިންމު ފިޔަވަޅެއް ކަމުގައި ވިދާޅުވިއެވެ.

"ތާރީޚަށް، ޘަޤާފަތަށް ލޯބިކުރާ ފަތުރުވެރިން ތިބޭ. ކަލްޗަރަލް ޓޫރިޒަމަށް ލޯބިކުރާ. މި ރަށުގައި ހުރި ތަންތަން ރަނގަޅު ގޮތެއްގައި ހިމާޔަތްކުރެވި، އެކަންކަމާއި ބެހޭ ވާހަކަ ކިޔައިދެވޭނެ ގޮތެއް ޤާއިމްކުރެވުނީމަ، މިކަން ވެގެންދާނީ ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި ފަތުރުވެރިންނަށް ދެވޭ ފުރުޞަތަކަށް،" ރައީސް ވިދާޅުވިއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%